ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާ މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް ސޯލިހާއި ޖަރުމަނުގެ ރައީސް ބައްދަލުކުރައްވައިފާ ވަނީ ޖަރުމަނުގެ ބާލިންގައި ހުންނަ އޮފީސް އޮފް ދަ ފެޑެރަލް ޕްރެޒިޑެންޓްގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޔޫރަޕިއަން ޔޫނިއަންގައި ޖަރުމަނުން ދައްކަމުންގެންދާ ލީޑާޝިޕަށް ތައުރީފު ކުރައްވާފައެވެ. އަދި ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޔޫރަޕުގައި ނަގާ ޓެރިފް ރޭޓާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެއާއި ޖަރުމަނާ ދެމެދު ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައި ވާއިރު ވައިގެ ދަތުރުފަތުރާއި ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ޝައުގުވެރިކަން ވެސް އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފާޅުކުރައްވާފައެވެ.
އެ ބައްދަލުވުން ނިންމަވާލެއްވީ ދެ ގައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އަދި ދެ ގައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަގީންކަން ދެއްވަމަށްފަހުއެވެ.