އިޒްރޭލުގެ ގައުމީ އެއާލައިން އެލް އަލްގެ ދަތުރުތައް ރާއްޖެ އަށް ފަށަން ރާވަމުންދާ ކަމަށް އެ އެއާލައިނުން ބުނި ނަމަވެސް، އެފަދަ ހުށަހެޅުމެއް އެ އެއާލައިނުން ހުށަނާޅާ ކަމަށް، ސަރުކާރުން ބުނެފިއެވެ.

ރޮއިޓާސް އަށް މީގެ ދުވަސްކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި އެލް އަލް އެއާލައިންގެ އެއް ސީއީއޯ ކަމަށްވާ ދީނާ ބިން-ތާލް ގަނާޝިއާ ބުނީ، އެ އެއާލައިނުން އަލަށް ދަތުރުތައް ފަށާ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި، ރާއްޖޭގެ އިތުރުން އިންޑިއާ އާއި ފިލިޕީންސް އާއި އޮސްޓްރޭލިއާ އަށް، އަދި ސިންގަޕޫރަށް އަލުން ދަތުރުތައް ފަށަން އެލް އަލް އިން ވަނީ ރާވައިފައެވެ.

މިކަމާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އިޒްރޭލުން ވެސް އަދި އެލް އަލް އިން ވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނެތް ކަމަށެވެ. ކުރުކޮށް ދެއްވި ޖަވާބުގައި އޭނާ ވިދާޅުވީ، އެފަދަ އެއްބަސްވުމެއް އަދި ދަތުރުތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެން ނުދާނެ ކަމަށާއި، ރާއްޖެ އާއި އިޒްރޭލާ ދެމެދު އެއާ ސާވިސް އެގްރީމަންޓެއް ވެސް ނޯންނާނެ ކަމަށެވެ.

ރާއްޖެއާއި އިޒްރޭލާ ދެމެދު ވިޔަފާރީގެ ގުޅުމެއް ނެތް ކަން ވެސް މިއުވާން ފާހަގަކުރެއްވިއެވެ.

އިޒްރޭލާއި ރާއްޖެ އާ ދެމެދު ސީދާ ދަތުރުތައް ނެތް ނަމަވެސް، ޓްރާންސިޓް ކުރުމަށްފަހު އިޒްރޭލު މީހުންނަށް ވެސް ރާއްޖެ އަށް އާދެވެއެވެ.