ކިޑްނީ ފެއިލްވުމާ ހިސާބުން މީހާގެ މުޅި ދިރިއުޅުން ހުއްޓެނީ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތުމަކީ ކުށް ހީއެކެވެ. ކިޑްނީ ފެއިލްވެ، ފަރުވާ ކުރަމުންވެސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ މީހުން ތިބޭ އިރު ހަފްތާއަކު ދެތިން ދުވަހު އެ މީހުންގެ ގައިގާ އަޅާ ވޭނަކީ އެފަދަ ކަމެއް ކުރިމަތިވެފައި ނެތް މީހަކަށް އަންޒާދާވެސް ކޮށްލެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ފެންވަރުގައި މިއަދު ކިޑްނީ ދުވަހެއް ފާހަގަ ކުރަމުން އަންނައިރު ކިޑްނީގެ ބަލިތަކާއި ކިޑްނީ ފެއިލްވުމުގެ ސަބަބުން ޑައިލިސިސް ހަދަމުންދާ މީހުންވެސް މި ރާއްޖޭގައި މަދެއް ނޫނެވެ.

"24 ގަޑިއިރު ކިޑްނީ ކުރާ މަސައްކަތް އެންމެ 4 ގަޑިއިރުން ކުރަންވީމަ މީހެއްގެ ގައިގަ ވޭން އަޅާނެ ވަރު ވިސްނާލާ ދެން."

މީގެ 17 އަހަރު ކުރިން، 2006 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކިޑްނީ ފެއިލްވެ، މިއަދާ ހަމައަށްވެސް ކޮންމެ ހަފްތާއަކު ތިން ދުވަހު ޑައިލިސިސް ހަދަމުން އަންނަ ރ. އަނގޮޅިތީމަށް އުފަން އުމުރުން 39 އަހަރުގެ ފާތިމަތު ރަޝީދާ (ފާތުން) ބުނި އެ ޖުމްލައާއެކު ކިތަންމެ ގިނަ ދުވަހެއް ވީ ކަމުގައި ވިޔަސް އެ ތަދާ ވޭނަކީ ހޭނެން އުނދަގޫ އަދި ވަރަށް ބޮޑު ވޭނެއްކަން އިހުސާސްވެއެވެ.

ފާތުންގެ އުމުރުން 18 އަހަރުގައި ޒަވާޖީ ހަޔާތެއް ފަށާ ފިރިމީހާގެ އާއިލާއެކު އުޅެމުން ދިޔައީ މާލޭގައެވެ. އެ ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ ދަރިއަކު ލިބުނުއިރު އެ ދަރިފުޅަށް 2 އަހަރުގައި ފާތުންގެ ކިޑްނީ ފެއިލްވި ކަން އެނގުންވެގެން ދިޔައީ އޭނާއަށް އިހުސާސްކުރަން އަދި ބަޔާންވެސް ކުރަން ދަތި ކަމަށެވެ.

ފާތިމަތު ރަޝީދާ (ފާތުން) / ފޮޓޯ: ޢާއިޝަތު ނުހާ | ދަ ޕްރެސް

ކިޑްނީ ފެއިލްވިކަން އެނގުނު ގޮތް ކިޔައިދެމުން ފާތުން ބުނީ މާ ބޮޑަށް ވަރުބަލިވެ ޑޮކްޓަރަށް ދައްކާ ޓެސްޓު ހެދުމުން ލޭ މަދު ކަމަށް ބުނެ ލޭ އެޅި ކަމަށާއި އޭރު ގައިގާ ލޭ ހުރީ ވަރަށް މަދުން ކަމަށެވެ. އަދި އެ ދުވަސްވަރު ބަރާބަރަށް ދަރިފުޅު ގޮވައިގެން ގަލޮޅު މަދަރުސާއަށްވެސް ގޮސް ހެދިކަން ފާހަގަކުރަމުން ފާތުން ބުނީ އައިޖީއެމްއެޗުން ހެދި ޓެސްޓުތަކުން ކިޑްނީ ފެއިލްވިކަން އެނގުނު ކަމަށާއި އޭރު އޭނާގެ އުމުރަކީ 21 އަހަރު ކަމަށެވެ.

އައިޖީއެމްއެޗުން ކަރު ތޮރުފައިގެން ޑައިލިސިސް ހަދަން އިރުޝާދުދިން ނަމަވެސް ކިޑްނީ ފެއިލްވެފައިވޭތޯ އިތުރަށް ޔަގީން ކުރުމަށާއި ފާތުންގެ ފަރުވާއަށް އޭގެ ހަފްތާއެއް ފަހުން އިންޑިއާއަށް ފުރައިގެން ދިޔައެވެ. އިންޑިއާއިން ފާތުން ބެލި ޑޮކްޓަރުން ކިޑްނީ ފެއިލްވެފައިވާ ކަމަށް ބުނެ، ފެއިލްވެފައިވަނީ ކިތައް ޕަސެންޓުތޯ ބަލަން ހެދި ޓެސްޓުތަކުން އެއް ކިޑްނީ ގައި 5 ޕަސެންޓް މަސައްކަތް ކުރަމުންދިޔަ އިރު އަނެއް ކިޑްނީ އެއްކޮން ފެއިލްވެފައިވާ ކަމަށް ފާތުން ވަނީ ކިޔައިދީފައެވެ.

ޑައިލިސިސް ހަދާއިރު ވަކި ވަރަކަށް ލޭ ނަގަން ޕްރެޝަރު ބޭނުންވާތީ އެ ޕްރެޝަރު އުފައްދަން ދެ ނާރު ގުޅުވާ، ފިސްތިއުލާ ހަދަން ޖެހޭއިރު އަނެއްބައި މީހުންނަށް ހޮޅިކޮޅެއްވެސް ލައްވަން ޖެހެއެވެ. ފިސްތިއުލާ ހެދުމަށްފަހުވެސް ބޭނުންކުރަން ދުވަސް ނަގާއިރު ފުރަތަމަ ޑައިލިސިސް ހަދަމުން ގެންދަނީ ކަރު ތޮރު ފުމަށްފަހު ލައްވާ ހޮޅިއަކުންނެވެ.

ޑޮކްޓަރުން އުންމީދުވެސް ކަނޑާލި!

އެ އުސޫލުގެ މަތިން ފާތުންގެ ކަރު ތޮރުފައިގެން ހޮޅިއެއް ލެއްވުމަށްފަހު ޑައިލިސިސް ހަދަމުން ގެންދިޔައިރު އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ އައިސީޔޫގައެވެ. ފާތުންގެ ހާލު ދެރަވެ އިންޑިއާއިން އޭނާގެ އުންމީދު ކަނޑާލުމުން އާއިލާގެ ބައެއް މެންބަރުންގެ އިތުރުން ދަރިފުޅުވެސް އިންޑިއާއަށްވެސް ގެންދިއެވެ. އެހެންނަމަވެސް މަޑުމަޑުން ރަނގަޅުވަމުން އައި ކަމަށާއި ދުޅަވެ ސިފަ ގެއްލިފައިވާ ފާތުންގެ ސިފައަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ.

"އެ މީހުން އުންމީދު ވެސް ކަނޑާލި. ޑޮކްޓަރުން ބުނި ބަޔަކު ގެންނަން ތިބިއްޔާވެސް ގެންނާށޭ. ދެކެން ބޭނުންވާ މީހެއް ހުރިއްޔާ، ދެން އާއިލާއިން ދިޔަ، މަޑުމަޑުން ރަނގަޅު ވަމުން ރަނގަޅު ވަމުން ދިޔައީ. ކިޑްނީ މައްސަލަ ދިމާވެ، މީހާ ސިފަ ނޭނގޭ ވަރަށް އެއްކޮށް ދުޅަވެފައ ހުރީ. ސިފަވެސް ނޭނގޭ ވަރުވެފަ އޮތީ"
ފާތުން
ފާތިމަތު ރަޝީދާ (ފާތުން) ގެ އަތް / ފޮޓޯ: ޢާއިޝަތު ނުހާ | ދަ ޕްރެސް

ތިން މަހު އިންޑިއާގައި ހުރުމަށްފަހު ފާތުން މާލެ އައީ އައިޖީއެމްއެޗުން ޑައިލިސިސް ހެދޭނެ ކަމުގެ ޔަގީންކަން އެތަނުގެ ޑޮކްޓަރުންނަށް ގުޅާ ހޯދުމަށްފަހުއެވެ. އޭރު އަމިއްލަ ހަރަދުގައި ޑައިލިސިސް ހަދަމުން ދިޔަ ފާތުން ބުނީ އޭރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތީމުގޭ ބަޖެޓުން ސިޓީލައިގެން 9 ޑައިލިސިސް ނުވަތަ 5 ޑައިލިސިސް ހެދުމުގެ ހަރަދު ހަމަޖެހޭ ކަމަށެވެ.

ފިސްތިއުލާ އަކީ ކިޑްނީ ފައިލްވެ ޑައިލިސިސް ހަދާ ކޮންމެ ބަލި މީހެއްގެ "ލައިފް ލައިން" އަށްވާއިރު ބަރު ތަކެތި ނޫފުލުމަށާއި ތަނެއްގައި ނުޖެހޭނެހެން ބަލައިގެން އުޅުމަށް ޑޮކްޓަރުން ވަރަށް ބޮޑަށް އިރުޝާދުދެއެވެ.

ފާތުން ބުނީ ކިޑްނީ ފެއިލްވި ހިސާބުން އެއީ ކިހާވަރެއްގެ ކަމެއް އޭރު ނޭނގޭ ކަމަށާއި އިހުސާސް ކުރަންވެސް ނޭނގުނު ކަމަށެވެ. އަދި އޭރަށް ބަލާއިރު އެ މައްސަލައަކީ ރާއްޖޭގައި މަދު މައްސަލައެއް ކަމަށާއި ހޭލުންތެރިވެސް ނުވާ ކަމަށް ފާތުން ވަނީ ބުނެފައެވެ. އޭގެ އެތައް ދުވަހެއް ފަހުން އެކަން އިހުސާސް ވުމުން އެއީ ކިހާ ބޮޑުކަމެއްކަން އިހުސާސުވި ކަމަށާއި އަލުން އިތުރަށް އެހެން ދިރިއުޅުމެއް ލިބޭނީ ކަންކަން ބަދަލުކޮށްގެން ކަން އެނގުނު ކަމަށް ފާތުން ބުނެއެވެ.

ޅަ އުމުރުގައި ކިޑްނީ ފެއިލްވުން ވެގެން ދިޔައީ ވަރަށް ބޮޑު ހިތާމައެއް ކަން ފާހަގަކުރަމުން ފާތުން ބުނީ ޓްރާންސްޕްލާންޓްކުރަން ބޭނުންވެ ކިޑްނީ ދޭނެ މީހަކުވެސް ވި ނަމަވެސް އެހެން މީހުން ދައްކާ ބޯދާ ވާހަކަތައް ގަބޫލުކުރެވި ފަހުން ދެކޮޅު ހެދީ ކަމަށެވެ.

ފާތިމަތު ރަޝީދާ (ފާތުން) / ފޮޓޯ: ޢާއިޝަތު ނުހާ | ދަ ޕްރެސް

މިހާރުވެސް ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުގެ 4 ގަޑިއިރު ފާތުން ޑައިލިސިސް ހަދަން ހޭދަކުރަން ޖެހޭއިރު އެއިން ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުކޮށްގެން އޭނާ ޑައިލިސިސް ހަދަންދާން ޖެހެއެވެ. ފާތުން ބުނީ އެ ތަދާއި ވޭނަކީ ހަށިގަނޑަށް ލިބެން ޖެހޭ އެއްޗެއްކަން މިހާރު ވިސްނިފައި އޮންނަ ކަމުން އެކަމަށް ހޭނިފައިވާ ކަމަށެވެ.

ޑައިލިސިސް ހަދަން ކޮންމެ ދުވަހަކުވެސް އެކަނި ގޮސް ހަދާއިރު ފާތުން ބުނީ އޭނާގެ އަބަދުވެސް ދުއާއަކީ މީހަކަށް ބުރައަކަށް ނުވެ އަމިއްލައަށް އުޅެވޭ ވަރު ވުން ކަމަށެވެ. ކިޑްނީ ފެއިލްވެ ޑައިލިސިސް ހަދަން ޖެހުމާއެކު ގިނަ ކަންކަމަކަށް ބަލަން ޖެހެއެވެ. އެގޮތުން ފެން މަދުކުރުމާއި ގަޑިން ގަޑިއަށް ބޭސް ކެއުންވެސް ހިމެނެއެވެ. ފާތުން ބުނީ އޭނާއަށް ފެން ބޭނުން ކުރެވެނީ ޑައިލިސިސް ހަދާ ދުވަހުން ފެށިގެން ޑައިލިސިސް ހެދުމާ ދެމެދު 600 އެމްއެލް ކަމަށާއި އެއީ ހުރިހާ ދިޔާ އެއްޗަކާއި ކާތަކެތިން އުފެދޭ ފެނާއެކު ކަމަށެވެ.

ފާތުން ބުނީ ޑައިލިސިސް ޑިޕާޓްމަންޓުގައި އުޅޭ މީހުން އަސްލު ވަރަށް ރަނގަޅު ކަމަށާއި ހުރިހާ ނަރުހުންވެސް ވަރަށް އޯގާތެރި ކަމަށެވެ. އަދި ކުރީގަ ޑައިލިސިސް ހަދާ ތަނުން ފެށިގެން އުޅުނު މީހުން މިހާރުވެސް އުޅޭ ކަމަށާއި މަގުމަތިން ފެނުނަސް ވަރަށް ވާހަކަދައްކާ ހަދާ ކަމަށް ފާތުން ވަނީ ބުނެފައެވެ.

ޑޮކްޓަރަށް ދެއްކުމުގައި އަދިވެސް އުނދަގޫތަކެއް ހުރިކަން ފާހަގަކޮށް ފާތުން ބުނީ ޑައިލަސިސް ސެންޓަރެއް ހުންނައިރު ވެސް ޑޮކްޓަރަށް ދައްކަން ޖެހެނީ ބޮޑު އަގު ދީފައި ކްލިނިކްތަކުން ކަމަށާއި އަދި އުނގޫފާރުގައި ޑައިލިސިސް ހަދަން ފެށުމާއެކު އޭނާގެ ރަށަށް ޗުއްޓީއަށް ގޮސް ހެދި ނަމަވެސް ދަތުރު ފަތުރުކޮށް ޑައިލިސިސް ހަދަން ގޮސް އެނބުރި އައުމަކީ ބޮޑު ތަކުލީފެއް ކަމަށެވެ.

ފާތުން ބުނީ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ފެން މަދުކޮށް ޑައިލިސިސް ގަވާއިދުން ހަދާނަމަ ކިޑްނީ ފެއިލްވި ކަމުގައި ވިޔަސް އާންމު ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. އަދި ރަނގަޅު ކިޑްނީއަކާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ފާތުން އަބަދުވެސް އެންމެ ދެކެން ބޭނުންވާ ދުވަހެވެ.