މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޑްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އުރީދޫގެ އަހަރީީ އާންމު ޖަލްސާގައި ނިންމައިފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 87 ޕަސަންޓް ހިއްސާދާރުންގެ އިއްތިފާގުންނެވެ.

މި ދިޔަ އަހަރު ހިއްސާއަކަށް ދިނީ 2.70 ރުފިޔާއެވެ. އޭގެ ކުރީ އަހަރު ހިއްސާއަކަށް ދީފައި ވަނީ 3 ރުފިޔާ 30 ލާރިއެވެ. އެހެން ކަމުން މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު ހިއްސާއަކަށް ޖެހުނު ވަރު ތަފާތީ 34 ލާރިއެވެ.

ރޭ ބޭއްވި އުރީދޫގެ އާންމު ޖަލްސާގައި އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ފާސްކޮށްފައިވާއިރު އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ޕްރައިޒް ވޯޓަ ހައުސް ކޫޕާސް ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 62،920 ޑޮލަރު ދިނުމަށް ވެސް ކަނޑައަޅައިފައެވެ.

އުރީދޫއަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އުރީދޫ އޮޑިޓް ކުރި މާލީ ބަޔާންތަކުން ދައްކައެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓް ހިއްސާ އެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.