ރޭ މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެ އަޑިޔަށްދިޔަ "އާގަލާ" ބޯޓުން ފެންމައްޗަށް އަރާފައިވާ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓް ގާޑުން އިލްތިމާސް ކޮށްފިއެވެ.

ކޯސްޓްގާޑުން ބުނީ އާގަލާ ބޯޓުން ފެންމައްޗަށް އެރި ތަކެތި އޮޔާދަނީ މ. އަތޮޅު ކައިރިން އުތުރަށް ކަމަށްވުމާއެކު ދަތުރުވެރިން ސަމާލުވުމަށް އެދޭކަމަށެވެ. އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި އާގަލާ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު ބޯޓު އެއްކޮށް އަޑިޔަށްގޮސްފައިވަނީ މިއަދު ހެނދުނު 8:20 ހާއިރުއެވެ. ނަމަވެސް ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އެ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 15 މީހުންގެ ތެރެއިން 14 މީހުން ވަނީ މ. މުއްޔަށް ގެންގޮސްފައެވެ. އެ ރަށަށް ގެންދިޔަ މީހުންގެ ތެރެއިން އެއްވެސް މީހަކަށް ފިޒިކަލް އިންޖަރީ އެއް ލިބިފައި ނުވާ ކަމަށާއި އެ މީހުންގެ މެންޓަލް ހާލަތު ބެލުމަށް ކައުންސިލާ މަޝްވަރާ ކުރަމުން ދާ ކަމަށް މުލީ ހޮސްޕިޓަލްގެ މެނޭޖަރު ނާފިޒް ވަނީ ވިދާޅުވެފައެވެ.

ސިފައިން ބުނި ގޮތުގައި، އެ ބޯޓުން ދަތުރުކުރި 15 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި ދެން ތިބި މީހުން ވަނީ ސަލާމަތް ކުރެވިފައި ވާއިރު މި ހާދިސާގައި ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދަނީ ކުރަމުންނެވެ.