އދ ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ އެ ކޮންފަރެންސް މި އަހަރު ކުރިއަށް ދަނީ ގަތަރުގެ ދޯހާގެ ގަތަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

ރާއްޖެއަކީ އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަޖައިން މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގެ ދަރަޖައަށް ބަދަލުކުރެވުނު ތިންވަނަ ގައުމަށްވާއިރު އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ގޮތުގައި 46 ގައުމެއް ވަނީ ހިމަނާފައެވެ. އަދި އެ ގައުމުތަކަކީ މަދުން އާމްދަނީ ލިބޭ އަދި އުމުރާނީ ތަރައްގީއާ ދެމެހެއްޓެނިވި ތަރައްގީގެ ހުރަސްތައް އޮތް ގައުމުތަކެކެވެ.

ރައީސް އޮފީހުން ބުނީ އދ ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ އަމާޒަކީ ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކޮށް، ތަނަވަސްކަން އިތުރުކުރުމާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރުކުރުން ކަމަށެވެ.

އދ ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ ގުރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންނެވީ އިއްޔެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ގަތަރުގެ ދޯހާއަށް ވަޑައިގަންނަވާއިރު ގަތަރަށްފަހު ރައީސް ސޯލިހު ސާބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ރައީސް ސޯލިހުގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.