ދަރިވަރުންގެ މެދުގައި ސައެންސް، ޓެކްނޮލޮޖީ، އިންޖެނިއަރިންގް އަދި މެތެމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ސްޓެމް ފެއާ ނިންމާލި އިރު އެންމެ މޮޅު ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވިއްޖެއެވެ.
އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ފެއާ ގައި ޖުމްލަ ހަތް ސްކޫލަކުން ވާދަކޮށް ދަރިވަރުންގެ އަމިއްލަ އީޖާދުތައް ދައްކާލާފައި ވެއެވެ. ފެއާގެ އެއްވަނައިގެ އިތުރުންވެސް ގިނަ ވަނަތަކެއް ވަނީ އިސްކަންދަރު ސްކޫލުން ހާސިލްކޮށްފައި ވެއެވެ.
ގިނަ ކެޓަގެރީ ތަކަކުން ކާމިޔާބު ލިބި އޯވަރޯލް ބެސްޓް ސްކޫލްގެ ގޮތުގައި އިސްކަންދަރު ސްކޫލު ހޮވުމުން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް އުރީދޫން ދީފައި ވެއެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެއްވަނަ ޕްރޮޖެކްޓް ހުށަހަޅާފައިވާ ސްކޫލަށް 10،000 ރުފިޔާ ވަނީ ދީފައެވެ. އަދި ހުރިހާ ބައިވެރިންނަށް ވަނީ ބައިވެރިވި ކަމުގެ ސެޓިފިކެޓް ދީފައެވެ.
ސްޓެމް ފެއާ ކުރިއަށް ގެންގޮސަފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ނޮވިސް ކެޓަގަރީ (ގްރޭޑް 4 އިން 6 އަށް)، ޖޫނިއާ ކެޓަގަރީ (ގްރޭޑް 7 އިން 8 އަށް) އަދި ސީނިއާ ކެޓަގަރީ (ގްރޭޑް 9 އިން 10 އަށް) އެވެ. މި ތިން އުމުރުފުރާގެ ވަނަތައް ބަހާލެވިފައިވަނީ:
ނޮވިސް ކެޓަގަރީ (ގްރޭޑް 4 އިން 6 އަށް)
1ވަނަ: އީކޯ ފާމް - އިސްކަންދަރު ސްކޫލް
2ވަނަ: ވޭސްޓު އިލެކްޓުރިކްސިޓީ، އެއާ ޕޮލިއުޝަން ޑިޓެކްޓާ - އިސްކަންދަރު ސްކޫލް އަދި ބައިސިކަލް އޮޕަރޭޓެޑް ވެންޑިން މެޝިން - މަޖީދިއްޔާ ސްކޫލް
3ވަނަ: ސޯލާ ޑީހައިޑުރޭޓް - ގިޔާސުއްދީން ސްކޫލް އަށެވެ.
ޖޫނިއާ ކެޓަގަރީ (ގްރޭޑް 7 އިން 8 އަށް)
1 ވަނަ: ވޭވް ބެރިއާ - ގިޔާސުއްދީން ސްކޫލް
2 ވަނަ: އޮއިވަށި - އިސްކަންދަރު ސްކޫލް
3 ވަނަ: މޮޑަނައިޒްޑް ޒިބްރާ ކްރޮސިން - ކަލާފާނު ސްކޫލް އަދި ވޭވް އެނާޖީ ބޮއި - ގިޔާސުއްދީން ސްކޫލް އަށެވެ.
ސީނިއާ ކެޓަގަރީ (ގްރޭޑް 9 އިން 10 އަށް)
1 ވަނަ: އެކުއަޕޯނިކްސް - އިސްކަންދަރު ސްކޫލް
2ވަނަ: މަންފާ - އިސްކަންދަރު ސްކޫލް
3ވަނަ: ކޮކޮނަޓް ސައިންސް - މަޖީދިއްޔާ ސްކޫލް އަދި އިލެކްޓުރިކްސިޓީ ފްރޮމް ފްލައި ވީލް - ކަލާފާނު ސްކޫލް އަށެވެ.
ފެއާ ނިންމުމުގެގޮތުން ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައި ވާއިރު މި ރަސްމިއްޔާތުގައި ވާހަ ކަދައްވަމުން އުރީދޫ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒު ވިދާޅުވީ މި ފެއާއިން މުސްތަގުބަލުގެ ލީޑަރުންގެ ގާބިލްކަން ފެނިގެން ގޮސްފި ކަމަށާއި މި ދާއިރާ ތަކުން ދަރިވަރުން ބިނާ ކުރެވިއްޖެނަމަ ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް އެހެން ގައުމުތަކާ އެއްހަމައެއްގައި ކުރިއަރެމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ފެއާ މިއަށްވުރެ މާ ފުރިހަމައަށް ބާއްވަމުން ގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ޒުވާނުންގެ މެދުގައި ސްޓެމް ތައުލީމު ކުރިއަރުވައި، ޝައުގުވެރިކަން ކުރިއެރުވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
އެޑިއުކޭޝަން މިނިސްޓަރީ އާއި ވިމެން އިން ޓެކް ގުޅިގެން ކުރިއަށް ގެންދިޔަ މި ފެއާ އަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު ފެއާއެކެވެ. އަދި މިއީ މިފަދަ ގޮތަކަށް ބޭއްވުނު ފުރަތަމަ ފެއާކަން ފާހަގަކޮށްލެވެއެވެ.