ރާއްޖޭގެ އެންމެ މަގްބޫލު ފިލްމު ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ހިނދުކޮޅެއް" މާދަމާ މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ސްޓްރީމް ކުރަން ނިންމައިފިއެވެ.
މާދަމާ މި ޕްލެޓްފޯމުގައި ސްޓްރީމް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ އާއި ރަސްމީ ޕޯސްޓަރު ވަނީ މިދިޔަ މަހު ދައްކާލާފައެވެ. ކާމިޔާބު ގިނަ ދިވެހި ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ދިރިއުޅުމުގެ ގިނަ ކަންތައްތަކާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
އަހްމަދު ތަލާލްގެ ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމަކީ ދިރިއުޅުމުގައި ނިންމާ ތަފާތު ނިންމުތަކުގެ އަސަރު ހަޔާތުގެ އެކި ދުވަސްވަރު ކުރާ ގޮތާއި އެފަދަ ނިންމުންތަކުގެ ސަބަބުން އަމިއްލަ މީހާ ޑިފައިންވާ މިންވަރު ދައްކުވައިދޭ ލޯބީގެ ވާހަކައެއްގެ ފިލްމެކެވެ. "ހިނދުކޮޅެއް"ގެ ލީޑު ރޯލުން ފެނިގެން ދާނީ ޝަރަފް, އާޝާ, ރަވީ އަދި މަޖޫ އެވެ. އޭގެ އިތުރުން އިތުރުން ކޭޓް ގޭލް, އަހްމަދު ޝާކިރު (ޝާއްކޮ)ގެ އަދި އިތުރުން އެހެނިހެން ތަރިންވެސް މި ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެން ދާނެއެވެ.
މިދިޔަ މަހު ޑާކްރެއިނުން ވަނީ "ބީވީމާ" އޮލިމްޕަހުގައި އަޅުވާފައެވެ. ވަދާއީ ޝޯތައް އިއްޔެ ނިމުން އިރު އެ ފިލްމަކީ ތިން އަހަރު ދުވަސްވަންދެން އޮލިމްޕަސް ބަންދުކޮށް އޮތުމަށްފަހު ހުޅުވުމަށްފަހު އެޅުވި ފުރަތަމަ ފިލްމެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު އެ ފިލްމުގެ ގިނަ ޝޯތަށް އޮލިމްޕަހުގައި ދެއްކީ ހައުސްފުލްކޮށެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުގެ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އޮލިމްޕަސް ތިއޭޓަރުގައެވެ. ނަމަވެސް "'ބީވީމާ" ސްކްރީން ކުރުމަށްފަހު އޭގެ ފަހުން އޮލިމްޕަހުގައި ތަފާތު އެހެން ސްޓޫޑިއޯތަކުގެ ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވާތީ އޮލިމްޕަސް މުޅި އަހަރަށް ބުކްވެފައި އޮތުމާއެކު ފިލްމު މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ސްޓްރީމްކުރަން ނިންމީއެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އިތުރު ދެ ފިލްމެއް އޮލިމްޕަހުގެ ސްކްރީނަށް އަންނަން ވަނީ ތައްޔާރުވެފައެވެ. އެއީ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމް "ބަޅިނދު" އަދި އައިޝަތު ފުވާދު ޑައިރެކްޓްކޮށްފައިވާ "ނޮވެމްބަރު" އެވެ.