ހައިޑްރޯގްރެފިކް ސާވޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ މަގުފަހި ވެގެންދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ދިވެހި ސިފައިންނާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޖޮއިންޓް ހައިޑްރޯގްރެފިކްގެ ތިންވަނަ ސާވޭގައި ބައެއް ސަރަހައްދުތަކުގައި އުދައިގެ އޮބްޒަވޭޝަންތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް ބުންޏެވެ. އަދި ގިނަ ސަރަހައްދުތަކެއްގައި މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި ސާވޭ ކުރީ ނިމިދިޔަ ޖެނުއަރީ، 19 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ، 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރުގެ އެދުމުގެ މަތިން އިހަވަންދިއްޕޮޅާއި ތިލަދުންމައްޗާއި ގައްލަންދު ކަނޑު ހިމެނޭ ގޮތަށް ރާއްޖޭގެ އުތުރުގައި ސާވޭ ކުރިއަށް ގެންގޮސްފައި ވެއެވެ. މި އަތޮޅުތަކުގައި ޖުމްލަ 6308 ކިލޯމީޓަރުގެ ސައުންޑިން ކަވަރުކޮށްފައި ވެއެވެ. މި ސައުންޑިން ލައިންތަކުން 2630 އަކަ ކިލޯމީޓަރުގެ ސާވޭއެއް ކޮށްފައި ވާއިރު، މުޅި އިހަވަންދިއްޕޮޅާއި ތިލަދަންމަތީގެ ބައެއްގައި ސާވޭ ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ސާވޭގައި އިހަވަންދިއްޕޮޅުން އަލަށް 52 ޝޮލް ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ސާވޭގެ އަލީގައި ތައްޔާރު ކުރާ އިހަވަންދިއްޕޮޅާއި ތިލަދަންމަތީގެ ބޮޑު ދެ ޗާޓާއި މީޑިއަމް ސްކޭލް ޗާޓެއް ހަދަން މަގުފަހިވާނެ ކަމަށްވެސް ބުނެއެވެ.

ސިލްސިލާ ސާވޭ ތަކުގެ ފުރަތަމަ ސާވޭ 2021 ވަނަ އަހަރުގެ ފެބްރުއަރީ/ މާޗް މަހު ކުރިއަށް ގެންދިޔައިރު، ދެވަނަ ޖޮއިންޓް ސާވޭ ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް/މެއި ގައެވެ. މި އަހަރުގެ ސާވޭ ނިންމުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައި ވާއިރު މި ރަސްމިއްޔާތެއްގައި ސާވޭ ކުރި ސަރަހައްދުތަކުގެ ހަތަރު ފެއާ ޝީޓް ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީއާ ހަވާލު ކުރެވުނު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މީގެ އިތުރުންވެސް ހައިޑްރޯގްރެފިކް އިކުއިޕްމަންޓް ސެޓެއް ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.