ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އުރީދޫ ސްޓެމް ފެއާ މިއަދު ފަށައިފިއެވެ.

އުރީދޫން ބުނީ، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި މުޅިއަކު 7 ސްކޫލަކުން ނޮވިސް، ޖޫނިއާ އަދި ސީނިއާ ކެޓަގަރީގައި ބައިވެރިވެފައިވާ ކަމަށެވެ.

މި ފެއާގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، މި ފެއާގެ ފުރަތަމަ ދުވަސް (މިއަދު) ހާއްސަކޮށްފައި ވަނީ ފެއާގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށް ކަމަށާއި ޖަޖުން ގެ ފަނޑިޔާރުކަން މިއަދު މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 ކުރިއަށްދާނެ ކަމަށެވެ.

އުރީދޫ ސްޓެމް ފެއާގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫން ބުނީ، ފެއާ އާންމުންނަށް ބަލައިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކާއެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށ ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުން މިދާ ބާރު ސްޕީޑާއެކު މި ބަދަލުތައް އިތުރުވެގެންދާނެ ކަމަށެވެ. އެހެން ކަމުން ދުނިޔޭގެ މި ބަދަލުވަމުންދާ މާހައުލައް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ސްޓެމް ފެއާގެ ތެރެއިން / ފޮޓޯ: އުރީދޫ
ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ޢިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އުރީދޫ ސްޓެމް ފެއާއަކީ ސްޓެމް ދާއިރާތައް ޕްރޮމޯޓްކޮށް، މި ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް މުހިންމު ފެއާއެއް،
އެޑިއުކޭޝަން މިނިސްޓަރު، އާއިޝަތު އަލީ

އުރީދޫން ބުނީ، އުރީދޫ ސްޓެމް ފެއާގެ މަގްސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވުމާއި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ބޭނުންކޮށްގެން ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމާއި، ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތައުލީމީ ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ.

އުރީދޫ ސްޓެމް ފެއާގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫން ވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މި ފެއާއަށް ޒިޔާރަތްކޮށް، ބައިވެރިވާ ދަރިވަރުންގެ ޕްރޮޖެކްޓްތަކާއި ހުނަރު ބަލާލުމަށް އާންމުންނަށް ދައުވަތު އަރުވާފައެވެ. އަދި ފެއާގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ހަވީރު 6:00 އަށް ބާއްވާ އެވޯޑް ހަފްލާގައި ކަމަށް އުރީދޫން ބުނެއެވެ.

މި ފެއާއަކީ އުރީދޫން އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ވިމެން އިން ޓެކް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ ފެއާއެއް ކަމަށް އުރީދޫން ބުނެއެވެ.