އަންނަ ބުރާސްފަތި ދުވަހު ވިލިމާލޭގައި ބަގީގެ ހިދުމަތްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ފަށާނެ ކަމަށް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށްޓަކައި މިދިޔަ ޖެނުއަރީ މަހު 10 ބަގީ އެއް ކައުންސިލުން ގެނެސްފައިވެއެވެ. އެގޮތުން ކައުންސިލުން ގެނައި ބަގީތަކުގެ ތެރޭގައި ހިމެނެނީ:

  • 12 މީހުންގެ ޖާގައިގެ ބަގީ އެއް
  • ހަ މީހުންގެ ޖާގައިގެ ތިން ބަގީ
  • ހަތަރު މީހުންގެ ޖާގައިގެ ތިން ބަގީ
  • އިމަޖެންސީކޮށް ބަލިމީހުންނަށް ދަތުރުކުރެވޭ ބަގީ އެއް
  • ފޮށި ފަދަ ތަކެތި ލެވޭ ދެ ބަގީ

މާލޭގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކައުންސިލްގެ ބަގީތައް ވިލިމާލޭގެ ކޮންމެ ގެއެއްގެ އަސްކަންޏާ ހަމައަށް ދަތުރުކުރާނެ ކަމަށެވެ.

ބަގީ ހިދުމަތުގެ އިތުރުން، މުއިއްޒު ވިދާޅުވީ، ވިލިމާލޭގައި ޕިކްނިކް ދިއުމަށް ހާއްސަ ސަރަހައްދަކާއި، އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނަކާއި، ޒަމާނީ ކާބޯތަކެތި ވިއްކާ ގާޑިޔާތަކާއި ތަފާތު ކުޅިވަރު ހިމެނޭ ކުޑަކުދިންގެ ޕާކެއްގެ އިތުރުން، ބޮޑެތި ފުޓްސަލް ދަނޑުތައް އެޅުން ފަދަ މަޝްރޫއުތައް ވިލިމާލޭގައި ކުރިއަށް ގެންދިއުމުގެ އެކި މަރުހަލާތަކުގައިވާ ކަމަށެވެ.

ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން ވަނީ އަގުތައް ވެސް ކަނޑައަޅައި ހާމަކޮށްފައެވެ. އާންމު ދަތުރުތަކަށް ދެ ރުފިޔާގެ ރޭޓުން އަގު ކަނޑައަޅާފައިވާއިރު، ޕްރައިވެޓް ދަތުރުތަކުގެ އަގުތައް ތަފާތުވާނެ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން:

  • ހަތަރު ސީޓުގެ ބަގީއަކަށް ހަ ރުފިޔާ
  • ހަ ސީޓުގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓުގެ ބަގީއަކަށް 15 ރުފިޔާ

ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންގެ އިތުރުން އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހު ކައުންސިލުން ބަގީގެ ހިދުމަތް ފަށަން ތައްޔާރުވަމުން ދާއިރު، އެމްޓީސީސީން އަންނަނީ ވިލިމާލޭގައި ދަތުރަކަށް ފަސް ރުފިޔާގެ މަގުން ބަހުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ "ނައިންޓީ ނައިން ހޯލްޑިން" އިން ވަނީ ބަގީގެ ހިދުމަތް ވިލިމާލޭގައި މީގެ ކުރިން ދީފައެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބަޔަކާ އެންމެ ފުރަތަމަ ހަވާލުކުރީ ޖޫން 17، 2013 ގައެވެ. "އިމް ޕްރިންޓް" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ ހަ މަސް ފަހުން ނައިންޓީ ނައިން ހޯލްޑިން އަށް މަސައްކަތްތައް ބަދަލުކޮށްފައެވެ.

އޭގެ ފަހުން ވިލިމާލޭގައި ބަގީގެ ހިދުމަތްތައް ނުދޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.