ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް ފޯމިއުލާއަކީ ކޯލިޝަން ކަމަށާއި އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުންވެސް މަސައްކަތް ކުރައްވަނީ ކޯލިޝަން ހެއްދެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކޯލިޝަނަކާ ނުލާވެސް ވެރިކަމަށް އާދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު އެ މަނިކުފާނު ވަނީ ޖޭޕީ އާ އެކު މަޝްވަރާތައް ބާއްވަވާފައެވެ. އަދި އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކޯލިޝަނަކާނުލައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. މި ކަންކަމަށް އިޝާރަތް ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ކޯލިޝަނަކާ ނުލާ މިހާރު އެއްބުރުން ވެރިކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބެއްވެސް ކާމިޔާބު ކުރެވުނީ ކޯލިޝަނާއެކު ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އޭރު އެ 'މަންޒަރެއް' ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
ތ. ހިރިލަންދޫގައި ރައީސް ސޯލިހްއަށް ތާއިދުކުރާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އަދި ކޯލިޝަނަކާއެކު އެ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިހާރު ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކަށްވެސް މި އިންތިހާބުގައި ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވީ އެއީ ވަރަށް މުހިއްމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާއިރު ރައީސް ވަނީ ކޯލިޝަނުގައި މިހާރު ތިއްބެވި ބޭފުޅުން ގޮތް ނިންމާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބު އެއްބުރުން ކޯލިޝަނަކާއެކު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާ އެ މަނިކުފާނުވަނީ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވިސްނައިގެން ގޮތެއް ނިންމާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.