އަންނަ އޮސްކާ އެވޯޑަށް ނޮމިނޭޓް ވެފައިވާ، ތެލެގޫ ފިލްމު "އާރްއާރްއާރް" ގެ ލަވަ "ނާޓް ނާޓް" އަށް އިންޑިއާގައި ހުންނަވާ ސައުތުކޮރެއާގެ އެމްބެސެޑަރު ޗަންގް ޖޭ-ބޮކް ނައްޓްވާ ވީޑިއޯއަަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އެ ވީޑިއޯއިން ފެންނަނީ އެމްބެސެޑަރު ޗަންގް ޖޭ-ބޮކް އާއި އޭނާގެ ޓީމުން ލަވައިގެ ތަފާތު ސްޓެޕްތައް ގްރޫޕްތަކަކަށް ބަހާލައިގެން ހުށަހަޅައި ދޭ މަންޒަރެވެ. މި މަހުގެ 25 ވަނަ ދުވަހު އާންމު ކުރި ވީޑިއޯއަށް މިހާތަނަށް 4.2 މިލިއަން ވިއުސް ވަނީ ލިބިފައެވެ.

މި ވީޑިއޯއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއީ ހިތްގައިމު ޓީމް މަސައްކަތެއް ގޮތުގައި ސިފަކުރައްވާފައެވެ.

53 ސިކުންތުގެ މި ވީޑިއޯއިން ފެންނަ ބައެއް މީހުން ލެގިންސްއާއެކު ކުރުތާ ލައިގެން ތިބޭ އިރު، އަނެއް ބަޔަކު ތިބެނީ ކޮރެއާގެ ސަގާފީ ހޭންބޮކް ލައިގެންނެވެ. އެ ވީޑިއޯ ނިންމާލަނީ އޮރިޖިނަލް ލަވައިގެ ފަހު ސިކުންތުތަކުގައި ފެންނަ ފަދަ ގްރޫޕް ޑާންސް ސްޓެޕްތަކަކުންނެވެ.

މި ލަވަ އިހްތިޔާރު ކުރުމަކީ ހައިރާންވާވަރުގެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ހިތްގައިމު މިއުޒިކަލް ލަވައެއް ކަމަށްވާ ނާޓް ނާޓް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަޕޯޓަރުންގެ އިތުރުން ގޯލްޑަން ގްލޯބް ފަދަ ޝަރަފުވެރި އެވޯޑްތައް ވެސް ހޯދާފައިވާ ލަވައެކެވެ. އަދި އޮސްކާގެ އެންމެ މޮޅު އޮރިޖިނަލް ލަވައަށް ވެސް ނޮމިނޭޓް ވެފައިވާ މި ލަވައަކީ މި މަހުގެ 12 ވަނަ ދުވަހު ބާއްވާ ހަފްލާގައި ކާމިޔާބު ހޯދާނެ ލަވައެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "އާރްއާރްއާރް" ގެ ނާޓް ނާޓް ލަވައިން ފެނިގެން ދަނީ އެންޓީއާރް ޖޫނިއާ އާއި ރާމް ޗަރަންގެ ފޯރިގަދަ ނެށުމެކެވެ. މި ލަވައަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އެމްއެމް ކީރަވާނީ ގެ ހިތްގައިމު އަޑުން ކިޔާފައިވާ ފޯރިގަދަ ލަވައެކެވެ.

އާލިއާ ބަޓް، އަޖޭ ދޭވްގަން، އެންޓީއާރް ޖޫނިއާ އަދި ރާމް ޗަރަން މުހިއްމު ރޯލު ކުޅުނު މި ފިލްމަށް ބޮކްސް އޮފީހުން ވަނީ 30 މިލިއަނަށް ޑޮލަރަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިފައެވެ.