ރައްޔިތުންގެ މަޖިލީހުގެ ކ. ގުރާދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޒާ އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ މަޖިލީހުގެ ގުރާދޫ ދާއިރާގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލީ އިއްޔެ ހަވީރު 3:30 އިން ފެށިގެން އަންނަ މަހުގެ 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ. އިލެކްޝަން ކޮމިޝަންގެ އީމެއިލް އަށެވެ. އީމެއިލްއަށް ފޮނުވުމަށް ދަތިވާނަމަ އެ ކޮމިޝަނަނަށް ގޮސް މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅޭނެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ވަކި ޝަރުތުތަކެއް ފުރިހަމަ ވާންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް:

  • ދިވެހިރައްޔިތަކަށްވުން.
  • ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.
  • މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
  • އުމުރުން 18 އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭނެ ހާލަތްތައް:

  • އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވުން.
  • ޖިނާއީކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ 3 އަހަރު ނުވާމީހަކު ކަމުގައިވުން.
  • ފަނޑިޔާރަކު ކަމުގައިވުން.

އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑަކީ މި މަހުގެ 26 ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންޖެހޭއިރު ފޯމު ހުށަހަޅަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ ފޯމު ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންދަން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުގެ އިތުރުން ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް އިލެކްޝަން ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގެ (ރިސެޕްޝަން)އިން އަދި މިކޮމިޝަންގެ ވެބްސައިޓްއިން ޑައުންލޯޑުކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެޕްރީލު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00އިން ހަވީރު 4:00 އަށް ބާއްވަން ހަމަޖެހިފައިވާއިރު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.