އެމެރިކާގެ އަލަބާމާއަށް ނިސްބަތްވާ އަންހެނަކު "މޮމޯ" ޓްވިންސްއެއް ވިހައިފިއެވެ. މޮމޯ ނުވަތަ މޮނޯ-މޮނޯ ކިޔަނީ މައިމީހާގެ ބަނޑުގައި އޮންނަ އިރު އެއް ޕްލެސެންޓާ (މަސް) އަދި އެއް ފެން ދުލި ނުވަތަ ވޯޓާބޭގް (އެމްނިއޮޓިކް ސެކް) ހިއްސާ ކުރާ ކުދިންނަށެވެ.

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ މޮމޯ ކުދިން އުފަން ނުވާ އިރު މުޅި އެމެރިކާގައިވެސް ދަރިމައިވާ މީހުންގެ ތެރެއިން މޮމޯ ކުދިން ލިބެނީ 1 ޕަސެންޓް މީހުންނަށެވެ.

ބްރިޓްނީ އާއި ފްރޭންކީ އަށް މޯމޯ ދެކުދިން ލިބުމުގެ އުފާ ފާޅުކުރަމުން ދާ އިރު، ބްރިޓްނީ އެންމެ ފުރަތަމަ ވިހޭއިރުވެސް ވިހެއީ ޓްވިންސްއެކެވެ. މިހާރު އާއިލާގައި 6 މެންބަރުން ހަމަވެފައި ވާ އިރު މިދިޔަ އަހަރު ވިހޭ ޓްވިންސް އަކީ 2 ފިރިހެން ކުދިންނެވެ. 2 އަހަރު ތެރޭގައި 4 ކުދިން ލިބިފައި ވާ އިރު ފުރަތަމަ ލިބުނު 2 ފިރިހެން ކުދިންނަށް ކިޔަނީ ލެވީ އަދި ލޫކާއެވެ. މިފަހަރު ލިބުނު މޮމޯ ދެކުދިންގެ ނަމަކީ ލައިޑިއާ އާއި ލައިންލީ އެވެ.

އާންމުކޮށް މޮމޯ ކުދިން އަރުބަގަނެ ހެދިބޮޑުވަމުން އަންނަ އިރު މައިމީހާގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުވެއެވެ. އެއްމަހާއި އެއް ފެން ދުލި ހިއްސާކުރާތީ، އެ ނުރައްކާ ބޮޑު ނަމަވެސް ބަލައިގެން ރައްކާތެރިކަމާއެކު އުޅުމުން ފުރާނައަށް ނުރައްކާވުން ކުޑަވާކަމަށް ދިރާސާތަކުން ދައްކައެވެ.

4 ކުދިންގެ މަންމަ އާއި ބައްޕަ އުފަލުން ފޮޅިފައި ތިބި އިރު އެ ދެމަފިރިން ބުނެފައި ވަނީ ދިރިއުޅުމުގައި އުނދަގޫ ވަގުތުތަކެއް ކަޑައްތު ކުރަން ޖެހުނު ނަމަވެސް އާދަޔާ ހިލާފު އިހުސާސެއް ކުރެވޭ ކަމަށެވެ.

ބްރިޓްނީ ވިއްސި އަލަބާމާގެ ހޮސްޕިޓަލް އޮފިޝަލުންނާ ހަވާލާދީ ހަބަރުތަކުން ބުނާގޮތުން، ބްރިޓީއަށް މޮމޯ ދެކުދިން ލިބޭކަން އެނގި 25 ހަފްތާއިން ފެށިގެން އޭނާ ބަލަހައްޓަމުން ގެންދިޔައީ ހޮސްޕިޓަލްގައި މާބަނޑުމީހުންނަށް ހާއްސަ ހައިރިސްކް ޔުނިޓުގައެވެ. އޭނާ ވިހެއީ އެތާނގައި 50 ދުވަހު އޮތުމަށް ފަހު ކަމަށްވެސް ބުނެއެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ހާއްސަ ޓީމަކުން ގަވައިދުން ކޮންމެ ދުވަހަކު މޮނިޓާ ކޮށް ބަލަމުން ދިޔަ އިރު، އެ ވީ މުއްްދަތުގައި މެޑިކަލް ސްޓޫޑަންޓުންނާއި، އާއިލާ އާއި އެހެނިހެން ގާތް މީހުން އޭނާއަށް ޒިޔާރަތް ކުރުމުގެ ފުތުސަތުވެސް ދިނެވެ.

ބްރިޓްނީ ވިއްސި އެސިސްޓެންޓް ޕްރޮފެސާ ރަޗެލް ސިންކޭ ވިދާޅުވީ، ފޫޅުދަނޑި ނޫން ހުރިހާ އެއްޗެއް މޮމޯ ކުދިން ޝެއާ (ހިއްސާ) ކުރާނެ ކަމަށެވެ. އަދި 2 ފޫޅުދަނޑިއެއް އެއް ދުއްޔެއްގެ ތެރޭގައި އޮންނަން ވުމުން، ނިކަން ފަސޭހައިން އޮޅި ދަރިފުޅުގެ ފުރާނައަށްވެސް ނުރައްކާވުމުގެ ފުރުސަތު އޮންނަކަމަށް ޕްރޮފެސަރު ވަނީ ވިދާޅުވެފައެވެ.

މި ދެކުދިން ވިހާފައި ވަނީ 32 ވަނަ ހަފްތާގައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.