މާލީ ހާލަތު ދައްވަ ގައުމުގެ އިގުތިސޯދު ސަލާމަތް ނުކުރެވޭ ހާލަތުގައި އޮތް ޕާކިސްތާނަށް އައިއެމްއެފްގެ މާލީ އެހީ ހޯދަން މަގުފަހިކުރުމަށް ޗައިނާއިން 700 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ހުށަހަޅައިފިއެވެ.
ޗައިނާއިން މިގޮތަށް ހުށަހެޅި އިރު ޕާކިސްތާނަކީ މިިހާރުވެސް 30 ބިލިއަން ޑޮލަރުން ޗައިނާއަށް ދަރާފައިވާ ގައުމެކެވެ. އެ ދަރަނީގެ މައްޗަށް އިތުރު ދަރަންޏެއް ދޭން ޗައިނާއިން ހުށަހެޅުމުން، މަޝްރަހު ދިޜާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދާފައި ވީ ނަމަވެސް، 2019 ގައި އައިއެމްއެފް އިން ދޭން އެއްބަސްވި 6 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން އެތޮކޮޅެއްވެސް ލިބެން އޮތީ ޕާކިސްތާނުގެ މިހާރުގެ މާލީ ހާލަތަށް ހެޔޮ ބަދަލެއް ގެނެސްގެންނެވެ.
ދާދި ފަހުން އައިއެމްއެފްގެ ވަފުދެއް ޕާކިސްތާނަށް ޒިޔާރަތް ކޮށްފައި ވާ އިރު، އެ ޖަމާއަތުގެ ހުށަހެޅުމަކީ، އައިއެމްއެފްގެ މާލީ ނިޒާމުގެ ތެރެއިން މިވަގުތަށް ބެނުންވާ 1.1 ބިލިއަން ޑޮލަރު ލިބިގަތުމަށްޓަކައިވެސް ޕާކިސްތާނުގެ މާލީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ޓެކްސް ބޮޑުކުރުމާއި ބޭރުގެ އެހީ ލިބޭކަން ޔަގީން ކުރުމަށް އައިއެމްއެފް އިން ހުށަހަޅާފައި ވެއެވެ. މިއާއެކު ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީން ވަނީ ޓެކްސް ބޮޑުކުރަން ފާސްކޮށްފައެވެ.
ޕާކިސްތާންގެ އެސެމްބްލީން ޓެކްސް ބޮޑުކުރަން ފާސްކުރުމާއެކު ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން ޕާކިސްތާނަށް ލޯނެއް ދޭން ހުށަހެޅި ނަމަވެސް އަދި އެ ޕާކިސްތާނުން އެކަމާ އެއްބަހެއް ނުވެއެވެ.
ޕާކިސްތާންގެ ބޭރުގެ ދަރަނި ޖުމްލަ 100 ބިލިއަނަށް އަރާ އިރު އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހެނީވެސް ޗައިނާ އަށެވެ. ދުނިޔޭގެ މާލީ ބާޒާރުތަކުން ނަގާފައިވާ ލޯންތަކަށް ވުރެ ޗައިނާގެ ލޯންތަކުގެ އިންޓަރެސްޓް ރޭޓްވެސް ބޮޑެވެ.
ޕާކިސްތާންގެ މާލީ ހާލަތު ދަށްވެފައި ވާ ވަގުތެއްގައި މިދިޔަ އަހަރުގެ ފަހު ކޮޅު އެގައުމަށް ދިމާވީ ފެންބޮދުވުމުގެ ހާދިސާގައި ލިބުނު ގެއްލުންވެސް ވަނީ 30 ބިލިއަން ޑޮލަރަށް އަރާފައެވެ. އެއާއެކު ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ތެލުގެ ރިޒާވް ދައްވެ އަގުތައް އަތްނުފޯރާ ވަރަށް އަރައިގެން ދިޔުމުގެ ދަތުކަމާއި، މިހާރުގެ ސަރުކާރަށް އިގުތިސޯދު މެނޭޖް ކުރަން ނޭނގުމުގެ ސަބަބުން ގައުމު ވަނީ ހުއްޓުމަކާ ގާތުގައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޭރުގެ ރިޒާވް ދަށްވެ މިވަގުތު ސޭވިންގައި ނުވަތަ ރައްކާ ކުރެވިފައިވާ ހުރީ 3 ހަފްތާއެއްހާ ދުވަހުގެ ކާނާއަށް ބޭނުންވާ މިންވަރުގެ އެތިކޮޅެކެވެ.
އިންފްލޭޝަން މައްޗަށް އަރައިގެން ގޮސް، އެންމެ އަސާސީ ތަކެތީގެ ތެރޭގައި ހިމެނޭ ކްކިންއޮއިލް އާއި ތަރުކާރުފަދަ އެއްޗެހީގެ އަގު ވަނީ 38 ޕަސެންޓަށް އުފުލިފައެވެ.
ކުރިން އައިއެމްއެފްގައި މަސައްކަތް ކުރި އިގްތިސޯދީ މާހިރެއް ކަމަށް ވާ ޒުބައިރު ހާން ވިދާޅުވީ، ޕާކިސްތާން އޮތީ މަރުގެ ތުންފަތްމަތީގައި ކަމަށާއި ސަރުކާރުގެ ދޯހަޅި ސިޔާސަތާއި އައިއެމްއެފްއިން ގެ ޕްރޮގްރާމުންވެސް ގައުމު އިތުރަށް ހަލާކުވަމުން ދާ ކަމަށެވެ. އަދި މިހާލަތުގައި އިތުރަށް ޓެކްސް ބޮޑުކުރުމުން ގައުމު "ފުނޑޭނެ" ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
ހުސްވި ހަފްތާގައި ޕާކިސްތާނަށް ވަޑައިގެންނެވި އެމެރިކާގެ ސްޓޭތް ޑިޕާޓްމަންޓްގެ އޮފިޝަލް ޑެރެކް ޗޮލެޓްވެސް ވަނީ ޕާކިސްތާންގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ޗައިނާގެ ދަރަނީގެ ދަންތުރައިގައި ޖެހިފައި އޮތީ ހަމައެކަނި ޕާކިސްތާން ނޫން ކަމަށާއި ދުނިޔޭގެ އެތައް ގައުމެއް ވަނީ އެ ދަންތުރައިގައި ޖައްސާފައި ކަމަށެވެ. އަދި އެ ހުރިހާ ކަމެއްވެސް އެމެރިކާއިން ގާތުން ބަލަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ި އިގްތިސޯދީ މާހިރު ޒުބައިރު ހާންގެ ހިޔާލު ޑެރެކް އާ ތަފާތެވެ. އޭނާ ވިދާޅުވީ، ޕާކިސްތާން ހަލާކުވަނީ ގައުމު ހިންގަވަން ތިއްބެވި ބޭފުޅުންގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި އެއީ ޗައިނާ ލޯނުން ވާ ކަމެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ ޗައިނާގެ ދަރަނި ބޮޑީ ޗައިނާ ނޫން ބަޔަކު ޕާކިސްތާންގައި އިންވެސްޓް ނުކުރާތީ ކަމަށެވެ.
ޕާކިސްތާންގެ މި ހާލަތު މިހެން އޮތް އިރު ދެކުނު އިރުމަތީ އޭޝިއާއިން ލަންކާ އަދި ދިވެހިރާއްޖެ ވެސް ޗައިނާއަށް ދަރާފައި އޮތް މިންވަރު ކުޑައެއް ނޫނެވެ.
ޗައިނާގެ ދަރަނީގެ ވާހަކަތައް އަނެއްކާވެސް ފެންމަތިވެފައި ވާ މި ދަނޑިވަޅުގައި އިންޑިއާގައި އިއްޔެ ފެށި ޖީ20 ގައުމުތަކުގެ ފައިނޭންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ވަނީ ޗައިނާގެ ދަރަނީގެ މައްސަލައަށް ބަހުސް ކޮށްފައެވެ. އެމެރިކާ އާއި އިންޑިއާ ފަދަ ގައުމުތަކުން ވަނީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި މެދުފަންތީގެ ގައުމުުތަކަށް ޗައިނާއިން ދީފައިވާ ދަރަނި ރީސްޓްރަކްޗާ ކޮށް އިންޓަރެސްޓް ރޭޓް ކުޑަކުރަން ގޮވާލާފައެވެ. މި ބައްދަލުުމުގައި އިންޑިއާއިން ވަނީ، ބޮޑެތި އަދަދުތަކުން ލޯން ދޭ ގައުމުތަކުން އަތްފޯރާ ދަށްރޭޓްތަކަކަށް އިންޓަރެސްޓް ހެދުމުގެ މުހިންމުކަން ފާހަގަ ކޮށް ޗައިނާ ހިމެނޭހެން ބޮޑެތި ލޯންތައް ދޭ ފަރާތްތަކަށް މިހާރު ގެންގުޅޭ ސިޔާސަތު މުތޯލިއާ ކުރަން ގޮވާލާފައެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް އެންމެ ބޮޑުއަދަދެއްގެ ލޯން މިހާތަނަށް ދީފައިވާ ޗައިނާއިން އެ ގޮވާލުންތަކަށް އިޖާބަ ދިނުމުގެ ބަދަލުގައި ހުށަހަޅަނީ ދަރަނި ދައްކަން ދަރަންޏެވެ.