ރަޝިއާއިން ޔޫކްރައިންނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރަން އދ ގައި ވޯޓުލީ ދެވަނަ ގަރާރަށް ވެސް އިންޑިއާއިން ތާއީދެއް ނުކުރިއެވެ.

141 ގައުމަކުން ގަރާރާ އެކޮޅަށް ވޯޓު ދިން އިރު 32 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. އޭގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. ގަރާރާ ސީދާ ދެކޮޅު ހެދީ 7 ގައުމެވެ. ރަޝިއާ ހިމެނެނީ އޭގެ ތެރޭގައއެވެ.

ރަޝިއާ ކުށްވެރި ކުރާ ގަރާރަށް މީގެ ކުރިންވެސް އިންޑިއާ އިން ވޯޓު ދީފައި ނުވާ އިރު، މިފަހަރުވެސް އިންޑިއާގެ ސްޓޭންޑަކީ ވާހަކަ ދައްކައިގެން ސުލްހަ ހޯދުމެވެ. އިންޑިއާއިން މީގެ ކުރިންވެސް އެ މޭރުމުން ވާހަކަ ދައްކާފައި ވާ އިރު، ބުނެފައި ވަނި ދުނިޔެ މިއޮތީ ހަނގުރާމަ ކުރަން ޖެހޭ ހާލަތެއްގައި ނޫން ކަމަށާއި، ވާހަކަ ދައްކައިެގން ނުވަތަ މަޝްވަރާއިން ކަންކަން ހައްލުކުރަން ޖެހޭ ކަމަށެވެ.

އިންޑިއާގެ ސްޓޭންޑާ ގުޅިގެން އެމެރިކާ އަދި ޔޫކްރައިން ފަދަ ގައުމުތަކުން ނުރުހުން ފާޅުކޮށްފައި ވާ އިރު އެގައުމުތަކުން ބުނަނީ، މި މައްސަލަައިގައި އިންޑިއާއިން ކޮންމެވެސް އެއް ކޮޅެއް ސާފުކޮށް ނަގަން ޖެހޭ ކަމަށެވެ. އަދި ބުނެފައި ވަނީ "ޑޫ ދަ ރައިޓް ތިންގް" އެވެ. ހުޅަނގުން އެދޭ "ރައިތް ތިންގް" އަކީ، ރަޝިއާ ކުސްވެރިކޮށް ޔޫކްރައިނަށް ނުވަތަ ހުޅަނގަށް އިންޑިއާއިން ތާއީދު ކުރުމެވެ.

ނަމަވެސް އިންޑިއާ އަކީ، ރަޝިއާ އާވެސް ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވުމުގެ އިތުރުން ވިޔަފާރީގެ ގޮތުން ދެގައުމުގެ ދެމެދުގައި އަހަެއްގެ މައްޗަށް އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރާ ދެގައުމެވެ. އަދި ރަޝިއާގެ އަސްކަރީ ސިނާއަތަށް ބޭނުންވާ ބައެއް ސާމާނާއި މެޝިނަރީއާއި ހަނގުރާމަމަތީ އާލާތްތައްވެސް އިންޑިއާގައި އުފައްދައެވެ. މީގެ އިތުރުން އިންޑިއާގެ އަސްކަރީ ދާއިރާއަށް ބޭނުންވާ ބަރުހަތިޔާރު އެންމެ ގިނައިން އެތެރެ ކުރަނީވެސް ރަޝިއާއިންނެވެ.

އިންޑިއާއިން ރަޝިއާ އާ ދެކޮޅަށް ނުތެދުވާ އިރު، ރަޝިއާ އިން ވެސް އިންޑިއާ އާ ދެކޮޅަކަށް ނުތެދުވެއެވެ. އަދި އިންޑިއާގެ މަސްލަހަތާ ގުޅުން ހުންނަ މުހިންމު ހައްސާސް މައްސަލަތަކުގައި ރަޝިއާއިން ވޯޓު ދެނީވެސް އިންޑިއާ އާ އެއްކޮޅަށެވެ. އޭގެ ތެރެއިން އެއް މައްސަލަ އަކީ ކަޝްމީރުގެ މައްސަލައެެވެ.

އިންޑިއާއިން ރަޝިއާ އާ ދެކޮޅަށް ވޯޓު ނުދިންނަމަވެސް ވަކާލާތު ކުރާ މުހިންމު ހަމައެއް އޮވެއެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނޫތަކާއި އުސޫލުތަކާ އެއްގޮތަށް ގައުމުތަކުގެ އިސްތިގުލާލަށް އަރައިނުގަތުމާއި އިހުތިރާމް ކުރުމަށް ގޮވާލުމެވެ. އެގޮތުން ޔޫކްރައިން މައްސަލައިގައިވެސް އިންޑިއާއިން ބުނެފައި ވަނީ ހުރިހާ ފަރާތަކުން އދ ގެ ޗާޓަރާ އެއްގޮތަށް ގައުމުތަކުގެ އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި މީހުން މަރާ، ހަނގުރާމަ ކޮށްގެން ހޯދޭނެ ސުލްހައެއް ނެތް ކަމަށެވެ.

މިފަހަރު އދ ގައި ވޯޓުލީ ގަރާރަކީ ވެސް ރަޝިއާގެ އުދުވާން ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމާއެކު، ރަޝިއާއިން ހިފި ޔޫކްރައިންގެ ބިންތައް ދޫކޮށްލައި ޔޫކްރައިންގެ ސިޔާދަތީ މިނިވަންކަމާއި އިސްތިގުލާލު އަނބުރާ ރުޖޫއަކޮށްދިނުމަށް ގޮވާލި ގަރާރެކެވެ.

ވޯޓުގައި ބައިވެރި ނުވި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން ޗައިނާ، އީރާން، ދެކުނު އެފްރިކާ ހިމެނެއެވެ. ދެކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާގެ އިތުރުން، ބެލަރޫސް، ދެކުނު ކޮރެއާ، އެރިޓްރިއާ، މާލީ، ނިކަރާގުއާ އަދި ސީރިއާއެވެ.