މަންމަން ކުދިންނާއި ވާހަކަ ނުދެއްކޭ ފަދަ ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް ވަގުތުން ފަރުވާ ދޭ ކަމަށް ބުނާ އަލީ މަހްމޫދު ނޫންނަމަ "މާލާ" އަށް ރާއްޖެ ނާދެވޭގޮތް ބްލެކް ލިސްޓުކޮށްފިއެވެ.

"ދަ ޕްރެސް" އަށް އެކަން ކަށަވަރުކޮށްދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލާ ބްލެކްލިސްޓުކޮށްފައިވަނީ މިއަދު ކަމަށެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އެމައްސަލާގައި "ދަ ޕްރެސް" އަށް މައުލުމާތު ދެއްވަމުން ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނީ، މާލާ ރާއްޖެ އައިސް ބައެއް ދިވެހީންނަށް ފަރުވާދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މާލާ ރާއްޖެ އައިސް މީހުންނަށް ފަރުވާދިނުމުގެ ކަންތަކުގައި ދިވެއްސަކު ޝާމިލުވެފައި ވޭތޯ ބަލަމުން ވެސް ދާ ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ފައިސާ ނަގައިގެން ނޫން ކަމަށް މިނިސްޓްރީން ހޯދި މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ.

މާލާގެ މައްސަލަ ސަމާލުކަމަށް އައީ އޭނާ ދިވެހީންނަށް ފަރުވާދޭ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އާންމުވުމުންނެވެ.

މާލާ ވަނީ އދ. މާމިނގިއްޔަށް ނިސްބަތްވާ ވާހަކަ ނުދެއްކޭ 3 ކުދިން ތިބި އާއިލާއެއްގެ ތެރެއިން 2 ކުދިންނަށް ފަރުވާ ދީފައެވެ. އެ ކުދިންގެ ދައްތައެއް ކަމަށްވާ އައިޝަތު އިބްރާހިމް " ދަ ޕްރެސް" އަށް މައުލޫމާތު ދިން ގޮތުގައި ފަރުވާ ކުރި ކުޑަ ކުއްޖާއަކީ 9 އަހަރުގެ ކުއްޖެއްކަމާއި މި ކުއްޖާ އަކީ މީގެ ކުރިން އޮޕަރޭޝަން ކޮށް ހިއަރިން އެއިޑް ބޭނުން ކުރަމުންދާ ކުއްޖަކަށް ވުމުން ހިއަރިން އެއިޑް ބޭނުން ކޮށްގެން ނޫނީ އަޑު ނީވޭ ކަމަށް ދައްތަ ފާހަގަ ކުރިއެވެ. ނަމަވެސް ސްކޫލަށްގޮސް ﷲގެ އިރާދަފުޅާއެކު އަކުރުތައް ކިޔަމުން ދިޔަ ކުއްޖެއް ކަމަށާއި ކޮންމެސް ވަރަކަށް ބަސްތައް ވެސް މިހާރު ކިޔަމުންދާ ކުއްޖެއް ކަމަށް ބުންޏެވެ.

ނަމަވެސް އެއާ ހިލާފަށް ބޮޑު މީހާ އަކީ އުމުރުން 28 އަހަރުގެ މީހެއް ކަމަށާއި މާލާ އެ ހެދިގޮތެއް ހެދުމަށްފަހު އެ ވަގުތު އަޑު އިވުނު ކަމަށް އޭނާ ބުނިކަމަށް ދައްތަ ކިޔައިދިނެވެ. ނަމަވެސް ފަހުން އޭގެ އެއްވެސް ބަދަލެއް ނުފެނުނު ކަމަށާއި އިހުހުރި ގޮތަށް އިއާދަވެއްޖެ ކަމަށްވެސް ބުންޏެވެ. އަދި ކުޑަ ކުއްޖާއަށް އެއްވެސް ބަދަލެއް އައިކަން ފާހަގަ ކުރެވިފައި ނުވާކަމަށް ވެސް ބުންޏެވެ. އަދި މާލާ އެކުރި ކަމަކުން ރަނގަޅު ނުވާ ވާހަކަ ބުނުމުން މާލާ އެދުނީ ކަންފަތް ކައިރީ ގިނަ ގިނައިން ޤްރުއާން އަޑު އިއްވުމަށާއި ގިނައިން އެ ކުއްޖާއާ ވާހަކަ ދެއްކުމަށް ކަމަށް ވެސް ދައްވަ ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކާމިޔާބީ އެއް މިކަމުން ނުފެންނަ ކަމަށް އައިޝަތު ކިޔާ ދިނެވެ.

މީގެ އިތުރުން ވެސް ލޮލަށް ނުފެންނަ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން މާލާ ކައިރިން ފަރުވާ ހޯދުމަށް މާލެ އައެވެ. ނަމަވެސް އެކަކަށްވެސް ފަރުވާ އެއް ލިބިފައި ނުވާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.