ޕީޕީއެމްގެ ސެނެޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ރިޒާ އަވަހާރަވި ހަބަރު އެހީ ވަރަށް ވެސް ފުން ހިތާމަ އާ އެކުގައި ކަމަށެވެ. މާތްﷲ ރިޒާގެ ފުރާނައަށް ރަހުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، މަރްހޫމްގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
ހަމައެއާއެކު ގުރައިދޫ ދާއިރާގެ 3 ރަށްކަމުގައިވާ ކ. ގުޅި، ކ. މާފުށި އަދި ކ. ގުރައިދޫގެ އެންމެހައި ރައްޔިތުންނަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ކޯލިޝަންގެ ލީޑާޝިޕާއި، ސެނެޓަރުންނާއި، ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިން ކޮމިޓީތަކާއި އަދި އެ ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ވަނީ ތައުޒިޔާ ކިޔާފައެވެ.
އިބްރާހީމް ރިޒާ އަކީ ޕީޕީއެމް އުފެދުނީއްސުރެ އެޕާޓީއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި އޭނާ ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ދިވެހި ދައުލަތަށް ވެސް އަގު ނުކުރެވޭ ހިދުމަތްތަކެއް އިހްލާސްތެރި ކަމާއެކު ކުރެއްވި ބޭފުޅެއްގެ ގޮތުގައި ޕީޕީއެމުން ސިފަކުރެއެވެ.
ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ރިޒާ ފަރުވާ ހޯއްދަވަމުން ގެންދެވީ ގޮހޮރުގެ ކެންސަރަށެވެ.