އަލުވި ފިޔާ އަދި ބިހުގެ އަގުތައް ހިފެހެއްޓުމުގެ ގޮތުން ހުސްވިޔަ ނުދީ އާންމުންނާ ހަމައަށް ފޯރުކޮއްދިނުމަށް ތައްޔާރު ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އަންނަ މަހުގެ ފަހުކޮޅު މި އަހަރުގެ ރޯދަމަސް ފެށޭއިރު އެސްޓީއޯއިން ބުނީ މިހާރުވެސް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތީގެ އަގުތައް އަރައިގެން ގޮސްފާނޭ ކަމުގެ ޝަކުވާ ކަމަށެވެ. އަދި ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮށްފައި ހުރުމާއެކު އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނެ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ޝަކުވާވެސް ލިބޭ ކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ މާޗް މަހު ކުރީކޮޅު އެސްޓީއޯއަށް ފިޔާ، އަލުވި އަދި ބިހުގެ ސްޓޮކް ލިބޭނެ ކަމަށެވެ.

ރޯދައަށް ތަކެތީގެ އަގު ބޮޑުވާ ކަމުގެ ޝަކުވާއަކީ އަބަދުވެސް އޮންނަ ޝަކުވާއަކަށް ވާއިރު އެކަން ހައްލުކުރުމަށްޓަކައި 1964 ވަަނަ އަހަރު އެސްޓޯއޯއިން "އަތިރީ މާފަންނު" ގެ ނަމުގައި ފިހާރައެއް ހުޅުވިއިރު އެސްޓީއޯއިން ބުނީ މިއަދާ ހަމައަށް ވެސް އެ ކުންފުނި ހިންގަމުން އަންނަނީ އެއިރެއްގައި އާންމުންނަށް ދިމާވެފައި ވާ ދަތިތަކަށް ޒަމާނީ ހައްލު ހޯދައިދިނުމުގެ އަމާޒުގައި ކަމަށެވެ.

އެސްޓީއޯއިން ވަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓް ތިރީގައި ރޯދަމަހަށް ހާއްސަކޮށްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައެވެ. އަދި އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު ބޭނުން ކަމުގައި ވަނީ ބުނެފައެވެ.

ފިހާރަ ހުޅުވުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރަމުންދާ ކަމަށާއި މާޗްމަހުގެ ނިޔަލަށް ފިހާރަ ހުޅުވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ހިދުމަތްވެސް ލިބޭނެ ކަމަށާއި އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތައް ފިހާރައިން ލިބެން ހުންނާނެ ކަމަށް ވެސް ބުނެެއެވެ.