ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް އޭނާގެ އާއިލާއިން ކޯޓުގައި އެދިއްޖެއެވެ.
2015 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެ ރަށު ބީޗްވިލާ އަލީ ޝިފާމްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރުގެ ދައުވާއެވެ. ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި ޒިޔަދަމް މަރާލާފައިވަނީ މަސްކަނޑާ ވަޅިއަކުން ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ޑިސެމްބަރުމަހު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައި ވާކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށް ބުނެފައެވެ. މި ގޮތުން ޝަނޫންގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ވެފައެވެ. ޝަނޫންގެ މައްޗަށް ޒިޔަދަން މަރާލިކަމަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވިނަމަވެސް ޒިޔަދަމް މަރާލުމުގައި އެހީތެރިވިކަން ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި މިއަދު ކުރިއަށް ދިޔަ ވާރިސުންގެ ބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔަދަމްގެ ބައްޕަ ހިމެނޭހެން 9 ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. އަދި ޒިޔަދަމްގެ މަންމަ ދުނިޔޭގައި ހުރި އިރު އޭނާވެސް ވަނީ ގާތިލުންނަށް މަރުގެ އަދަބު ދޭން ބޭނުންވާކަމަށް ބުނެފައެވެ.
މި މައްސަލައިގައި އަދަބާ ބެހޭ ގޮތުން ގޮތެއް ނިންމުމާއި ހުކުން އިއްވުމަށް ބާއްވާ ޝަރީއަތް އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.
ކޯޓުގަ އަދިއެއްނެތް ތި ހުކުމް ކުރެވޭވަރުގެ އެކަތިވެސް. ތިބީ އަމައްޔާތް ވެފަތިބި އަންހެނުން ހުުސް. ފިނޑިން، އަދި ކުރިޔަސް ދެން އޮތް ކޯޓުން އެ ހުކުން ބާތިލް ކުރާނެ. ގެރެންޓީ. ފައިސާ ހުރިއްޔާ މި ޤައުމުގައި ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރެވޭނެ. ހެއްކެއް އޮތަސް އެއީ ނެތް އެއްޗެއް. މިއީ ސަދޫމްއަށް ވުރެ މަތީ ގަ އޮތް ތަނެއް.