އިންޑިއާގެ ބިލިއަނަރު އަދި ދުނިޔޭގެ 3 ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ކުރިން އޮތް ގޯތަމް އަދާނީއާ ގުޅޭ ގޮތުން ހިންޑަންބާގް ރިޕޯޓު އާންމުވެ، އަދާނީއާއި މޯދީގެ ގުޅުމާއި ސަރުކާރުން އަދާނީއަށް ފަހިވާގޮތަށް ކަންކަންކަން ކޮށްފައިވާ ވާހަކަތްއް ފެންމަތިވެފައި ވަނިކޮށް ބިލިއަނަރު ޖޯޖް ސޯރޯސް އެކަމަށް ފާޑުކިޔުމުން އިންޑިއާ ރުޅިގަދަވެއްޖެއެވެ.

އޯޕަން ސޮސައިޓީ ފައުންޑޭޝަން ހަދައިގެން ޑިކޮމްރަސީ ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާ ސޯރޯސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔަމުން ބުނީ، މޯދީ އަކީ ޑިމޮކްރެޓިކް ބޭފުޅެއް ނޫން ކަމަށާއި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަވައިވެން ސިޔާސީ ގޮތުން ކަމިޔާބު ހޯއްދަވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ވަނީ، އަދާނީގެ މައްސަލަގައި މޯދީ ޖަވާބު ދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ބުނެފައެވެ.

މި މައްސަލަގައި ކޯފާވެ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވީ، ސޯރޯސް އަކީ މުސްކުޅި، މުއްސަނދި، ވަކިއަތަކަށް ޖެހި ވާހަކަ ދެއްކުމުގެ އިތުރުން ނުރައްކާތެރި މީހެއް ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔެ ކުރިއަރާ ދާންވާނީ ސޯރޯސް ގެ ވިސްނުމަށް ކަމަށް އޭނާއަށް ހީވާކަމުގައިވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

އަދި ނިއުޔޯކްގައި އިނދެގެން އޭނާ ކުރާ ކަމަކީ އެޒާތުގެ ބަހުރުވަ ނުވަތަ ތަރުޖަމާ ނެރެން އިންވެސްޓް ކުރުން ކަމަށް ވިދާޅުވެ ޖައިޝަންކަރު ވަނީ ނުރުހުންފާޅު ކުރައްވާފައެވެ.

އިތުރަށް އޭނާ ވިދާޅުވީ، ސޯރޯސްމެން ކަހަލަ މީހުންނަށް އެމީހުން ގަބޫލުކުރާ މީހަކު އިންތިހާބަކުން ކާމިޔާބު ކޮށްފި ނަމަ އެއީ މޮޅެއް ކަމަށް ދެކޭ ކަމަށާއި އެމީހާ ހިތްހަމަ ނުޖެހޭ މީހަކު ކާމިޔާބުކޮށްފި ނަމަ އެހީ ޑިމޮކްރަސީ ނެތިދިޔުން ކަމަށް ދެކޭ ކަމަށެވެ.

"އަދި އެ ހުރިހާ ކަމެއްވެސް ކޮށްފައި ހުރީ ސޯރޯސް ހިންގާ އޯޕަން ސޮސައިޓީގެ ފުރާޅުގެ ދަށުން، އިންޑިއާގެ ބޮޑުވަޒީރު ޑިމޮކްރެޓިކެއް ނޫން ކަަމަށް ސޯރޯސް ބުނާއިރު އޭނާ ހީކުރަނީ 1.4 ބިލިއަންގެ އާބާދީއެއް އޮތް އިންޑިއާގައި ގޮތް ނިންމާ ވޯޓަކީވެސް އެއްވެސް އެއްޗެއް ނޫން ކަމަށް، އަދި އޭނާ ކުރިން ތުހުމަތު ކުރި އިންޑިއާއިން އުޅެނީ އެތައް މިލިއަން މުސްލިމުންގެ ރައްވެހިކަމުގެ ހައްގު ނިގުޅައިގަންނަން ކަމަށްވެސް، އެކަމަކު އެކަމެއް ނުހިނގާނު"
ޑރ. އެސް ޖައިޝަންކަރު

އިތުރަށް ޖައިޝަންކަރު ވިދާޅުވީ، ސޯރޯސް އެގޮތަށް ބިރު ދައްކާ ހަދާ ކަމަށް ވާނަމަ، އޭނާގެ ބަސް އަހާފާނެ ބަޔަކުވެސް ތިބެދާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން، އެތައް މިލިއަން ބަޔެއްގެ ރައްވެރިކަމުގެ ހައްގުވެސް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިޖުތިމާއީ ފޭރާން ހަލާކުވާ ކަމަށާއި ސޯރޯސް އުފައްދަނީ އެފަދަ ބިރުވެރިކަމަކާއި ގަބޫލުކުުރުންތަކެއް ކަމަށެވެ. މީގެ އިތުރުން އޭނާގެ ތުހުމަތުތައް އަމާޒު ކޮށްފައި ހުރީ އިންޑިއާގެ ސަރުކާަރު ވައްޓާލުމަށް ކަމަށްވެސް ވަނީ ވިދާލުވެފައެވެ.

އަދާނީ މައްސަލައިގައި އިންޑިއާގެ ސިޔާސީ މައިދާން ހަލަބޮލިވެ ވެރިކަން ކުރާ ބީޖޭޕީއާއި އިދިކޮޅު ކޮންގްރެސް އާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރެވެމުންދާ އިރު، ސޯރޯސްގެ ވާހަކައަށް ރައްދު ދެއްވަމުން ކޮންގްރެސް ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޗިދަމްބަރަމް ވިދާޅުވީ، އޭނާ އަކީ އެއް އިރެއްގައިވެސް ސޯރޯސް ދައްކާ ވާހަކަ ގަބޫލު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް މޯދީއާ ގުޅޭގޮތުން ދެއްކި ވާހަކަ އަކީ ސަރުކާރު ވައްޓާލަން ދެއްކި ވާހަކައެއް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށެވެ.

އިތުރަށް އޭނާ ވަނީ މޯދީގެ ބީޖޭޕީގެ ސަރުކާރަށް މަލާމާތެއްވެސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އުމުރުން 92 އަހަރުވެފައި ހުރި ބޭރު މީހަކު އެހެން ނެރޭ ރިޕޯޓަކުން ވެއްޓޭހާ މޯދީގެ ސަރުކާރު ބަލިތޯއެވެ.

އަދާނީ އާ ގުޅިގެން ފެންމަތި ކުރި މާލީ މައްސަލަތަކުގެ ތެރޭގައި ސްޓޮކް އެކްސްޗޭންޖުގައި މަކަރާއި ހީލަތް ހެދުން ހިމެނެއެވެ. އަދާނީ މައްސަލަ ފެންމަތިވެ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައްވެސް އިދިކޮޅުން ހުއްޓުވިއެވެ.