އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަމޭޝް ސެލްވަމޮނީ ޑީޕޯޓުކޮށްލީ އެ މައްސަލަ އިސްތިއުނާފުކުރި ފަހުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ނަމަވެސް، އެކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށް، އިމިގްރޭޝަނުން ބުނެފިއެވެ.

ޖިންސީ ނިޔަތެއްގައި ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ދައުވާ ލިބުނު ރަމޭޝް ޑީޕޯޓުކޮށްލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 8 ގައެވެ. ކުޑަކުއްޖެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށް ވާތީ، އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ސެޕްޓެމްބަރު 25 އިން ފެށިގެން ހުރި ރަމޭޝްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން، ޕީޖީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ޑިސެމްބަރު 8 ގައެވެ. އެ ދުވަހަކީ ރަމޭޝް ޑީޕޯޓުކޮށްލާފައި ވަނީ އެ މައްސަލަ އިސްތިއުނާފުކުރި ފަހުންނެވެ. އެހެންވެ ރަމޭޝަށް ކޯޓު އަމުރު ރައްދުނުކުރެވި، މައްސަލަ ބާތިލްވީއެވެ.

ރަމޭޝް ޑީޕޯޓުކޮށްލި މައްސަލައިގައި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ، ރަމޭޝްގެ މައްސަލަ އިސްތިއުނާފުކުރަން އުޅޭކަން އިމިގްރޭޝަނަށް އެނގޭނެ ކަމަށެވެ. ހަމަ އެއާއެކު، އޭނާ އުޅޭ ތަނެއް ހޯދިއްޖެ ނަމަ އެ މައްސަލަ ހައި ކޯޓަށް އަލުން ހުށަހެޅުމުގެ ފުރުސަތު ވެސް ޕީޖީ ވަނީ ދީފައެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިމިގްރޭޝަނުން ބުނީ، ރަމޭޝް ޑީޕޯޓުކޮށްލުމާ ހަމައަށް ވެސް އޭނާ އާ ގުޅޭ ޖިނާއީ އެއްވެސް މައްސަލަ އެއް ރާއްޖޭގެ ކޯޓެއްގައި އިސްތިއުނާފުކޮށްފައިވާ ކަން ޕީޖީން ރަސްމީކޮށް އިމިގްރޭޝަނަށް އަންގާފައި ނުވާ ކަމަށާއި، އޭނާ ރާއްޖޭން ފުރުން މަނާކޮށް ކޯޓު އަމުރެއް ވެސް އެ އިދާރާ އަށް ލިބިފައިނުވާ ކަމަށެވެ.