މާލެ މަގުމަތީގައި ސަލާން ޖަހައި، ފައިސާ ހޯދަމުން ދިޔަ ޖަޕާނުގެ އަންހެން މީހާ އަކީ ރާއްޖެ މީހަކާ ކައިވެނިކޮށް، ރެޒިޑެންޓް ވިސާގައި އުޅެމުންދާ މީހެއް ކަން ކަށަވަރުކުރެވިފައިވާ ކަމަށް، އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އެ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ މީހާ އިމިގްރޭޝަނާ ހަވާލުކުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައުލޫމާތު ސާފުކުރުމަށް ފަހު ކަމަށެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާ ގުޅުވާ، އޭނާ އާ ގުޅޭގޮތުން ފާހަގަވެފައިވާ މައްސަލައިގައި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިމެނޭތޯ ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

މަގުމަތީގައި އެ އަންހެން މީހާ ސަލާން ޖަހާ މައްސަލަ ސަމާލުކަމަށް ގެނައި މީހަކު ޓްވިޓާ މެދުވެރިކޮށް ބުނީ:

  • އެ އަންހެން މީހާ ފާރިސް ނަމަކަށް ކިޔާ މީހަކާ އިނދެގެން އުޅޭތާ 13 އަހަރު ވެއްޖެ ކަމަށް
  • އޭނާ މާލޭ މަގުމަތީގައި ސަލާން ޖަހަނީ ބަލިވެ އުޅޭ ކަމަށް ބުނެ ކަމަށް
  • އޭނާ ސަލާން ޖަހަނީ ވަރިކޮށް ގެއިން ނެރެ، ނުކައި ނޮބޮއި ހުންނާތީ ކަމަށް އެހެން މީހުން ގާތު ބުނާ ކަމަށް

ޓްވީޓްކުރި މީހާ އިތުރަށް ބުނީ، އެ އަންހެން މީހާ ހެނދުނުން ފެށިގެން ރޭގަނޑު ވަރަށް ލަސްވަންދެން މާލޭގެ މަގުތައް މަތިން ފެންނަ ކަމަށާއި، ފައިސާ އަށް ގިނައިން އަހަނީ އެކަނި ދިމާވާ ފިރިހެނުން ގާތުގައި ކަމަށެވެ.

އޭނާ އާ ބެހޭ ގޮތުން އެކި މީހުން ދައްކަނީ އެކި ވާހަކައެވެ. ބައެއް މީހުން ބުނާ ގޮތުގައި، އޭނާ އެގޮތަށް މާލޭގައި އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެން ބައެއް މީހުން ބުނާ ގޮތުން، އޭނާ އާއި އޭނާގެ ފިރިމީހާ އަކީ މަސްތުވާތަކެތި ބޭނުންކުރާ ދެ މީހުންނެވެ.