މާލެ މަގުމަތީގައި ސަލާން ޖަހާ، މީހުން އަތުން ފައިސާ ހޯދަމުން ދިޔަ ޖަޕާނު އަންހެން މީހާ މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

"ދަ ޕްރެސް" އަށް އެކަން ކަށަވަރު ކޮށްދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަން ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އެ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައި ވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އެމީހާ އިމިގްރޭޝަނާ ހަވާލު ކުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށް ފަހު ކަމަށެވެ.

މަގުމަތީގައި އޭނާ ސަލާން ޖަހާ މައްސަލަ ސަމާލުކަމަށް ގެނައި މީހަކު ޓްވިޓާ މެދުވެރިކޮށް ބުނީ، އެއަންހެން މީހާއަކީ ފާރިސް ނަމަކަށް ކިޔާ މީހަކާ އިނދެގެން އުޅޭތާ 13 އަހަރު ވެއްޖެ ކަމަށާއި އޭނާ ބަލިވެ ކަމަށް ބުނެ މާލެތެރޭ ސަލާންޖަހަން އުޅޭ ކަމަށެވެ.

މީގެ އިތުރުން ބައެއް މީހުން ކައިރީ ވަރިކޮށް ގެއިން ނެރެފައި ހުންނާތީއާއި ނުކައި ނުބޮއި ހުންނާތީ ސަލާން ޖަހަނީކަމަށް ބުނާކަމަށް ވެސް އެމީހާ ބުންޏެވެ.

އެ ޓްވީޓުގައި އެމީހާ އިތުރަށް ބުނީ، ހެނދުނު ހެނދުނާ ނިކުންނަ ގޮތަށް ރޭގަނޑު ވަރަށް ލަސް ވަންދެން ވެސް މާލޭގެ އެކި ސަރަހައްދު ތަކުން އެ ޖަޕާނު އަންހެން މީހާ ފެންނަ ކަމަށެވެ. އަދި ގިނައިން ފައިސާ ދޭން ބުނަނީ އެކަނި ދިމާވާ ފިރިހެނުން ކައިރީ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

އެ ޓްވީޓަށް ރިޕްލައިކުރި ބައެއް މީހުން ބުނީ، އެ އަންހެން މީހާ އެކި ފަހަރު ދައްކަނީ އެކި ވާހަކަ ކަމަށާއި މިގޮތުން ފިރިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވާތީ އެހީ ހޯދަން އެއްފަހަރު އުޅޭއިރު އަނެއް ފަހަރު ދައްކަނީ ރާއްޖޭގެ ކުންފުންޏަކުން ލަނޑު ދިނީ ކަމުގެ ވާހަކަ ކަމަށެވެ.

އެ އަންހެން މީހާ އެގޮތަށް މާލެތެރޭގައި އުޅޭތާ އެތައް މަހެއް ވެފައިވާކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އޭނާއާ މަގުމަތިން ދިމާވި މީހަކު "ދަ ޕްރެސް" އަށް ބުނީ، އޭނާ އައިސް ފުރަތަމަ ސަލާމް ގޮވާލީ ކަމަށާއި، ދެން ވަރަށް ރީތިކޮށް އެދުނީ ކާއެއްޗެއް ގަތުމަށްޓަކައި ދެވެން އޮތިއްޔާ ލާރިއެއް ދިނުމަށެވެ.

މީގެ އިތުރުން ބައެއް މީހުން ބުނަމުން ދަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށާއި، އޭނާގެ ފިރިމީހާއަކީވެސް އެ އަމަލު ކުރާ މީހެއް ކަމަށެވެ.