އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރަން 3 ކުންފުންގެ މެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯއެވެ. އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ޑރ. އިބްރާހިމް ނާޝިދެވެ.

އެ އެމްއޯޔޫގެ ދަށުން ގުޅީފަޅުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއެއް ހިންގުމަށް މަގުފަހިވެގެން ދާނެކަމަަށް ބުނެއެވެ. އަދި ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރްއޯ ޕްލާންޓެއް ބެހެއްޓުމާއި 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި 1,450 ކިލޯވޮޓް ޕާ އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލުކުރުން ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ އިއާދަކުރުވަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ އެ މަޝްރޫއުއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަން އާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސްއިން ފަންޑް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ އަމާޒަކީ އެ މަޝްރޫއުގެ ސަބަބުން ކުންފުނިން ދެމުންގެންދާ ޔޫޓިލިޓީ ހިދުމަތް ފޯރިކޮށްދިނުމުގައި އަދި އޮޕަރޭޝަން ތަކުގައި އިއާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމާއިއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފްކޮށް އީޖާއީ ކުންފުންޏަކަށް ވުމަށް ކަމަށެވެ.