ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް ދިން ހަމަލާއަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރާވައިގެން ދީފައިވާ ހަމަލާއެއްކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ހުށާހަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގައި ސަލާމަތާއި އަދި ސިއްހީ ރައްކާތެރިކަމުގެ ބިލާއި ބެހޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކުގައި އިބްރާހީމް ރަޝީދު ވަނީ މި ސަރުކާރާއި، އަދި ހޯމް މިނިސްޓަރު އިމްރާންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ގޮތުން އިބްރާހީމް ރަޝީދު ވިދާޅުވީ ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ޖިނާއީ ކުށްވެރިއެއްކަމަށެވެ. އަދި އިމްރާންއަކީ ބައާވާތްކޮށްފައި ހުރި ބޭފުޅެއްކަމަށާއި އެއީ އެންމެ ފަހުން މަޖީދީމަގުގައި ބޮން ގޮއްވާލި ބޭފުޅާކަމަށެވެ.
ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރަން ހުރީ "ބަޢަވާތްކޮށްފައިވާ މީހެއް"ކަން ފާހަގަކޮށް އިބްރާހީމް ރަޝީދު ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ އިމްރާން ރާވައިގެން ގޮއްވާލި ބޮމެއްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މަޖިލީހުގެ 242 ކޮމިޓީއިން އެ މައްސަލައާއި ގުޅޭ ގޮތުން ރެކޮމެންޑްކޮށްފައިވާ މައްސަލަތައް އަދިވެސް ނުބަލާކަމަށް އިބްރާހީމް ރަޝީދު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރަށް ފާޑުވިދާޅުވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ މި ސަރުކާރަށް ރައްކާތެރި ހަމަތަކުގެ މަތިން ދައުލަތުގެ ސިފައިގައި ގައުމު ހިންގަން ނޭގޭކަމަށެވެ. އިތުރަށް އިބްރާހީމް ރަޝީދު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކުގެ ހައްލުތައް ގެނެސްދިނުމާއި ގުޅޭގޮތުން ސަރުކާރުން ދެމުން އަންނަ ޖަވާބަކީ "އަންނަނީ އަންނަނީ، ހުރިހާ ކަމެއްވެސް އަންނަނީ" ކަމަށެވެ.
އިބްރާހީމް ރަޝިދު މިހެން ވިދާޅުވެފައިވާ މޭ 6، 2021 ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ ޝަރީއަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކު ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އެކަމަށް ވަނީ އިއުތިރްފާ ވެފައެވެ.