އަހަރެމެން އިންސާނުން ދުވާލުދާ ހަތަރުދަމު މަސައްކަތް ކޮށްފައި އަރާމުކޮށްލަން ބައެއްފަހަރު ޖައްސާލާއިރު ވެސް ނިދެއެވެ. އޮފީހުން ބްރޭކަށް ގެއަށް ދާ ކުޑަ ވަގުތުކޮޅުގައި ވެސް ނިދެއެވެ. އެކަމަކު 60 އަހަރު ވާންދެން އެއްގޮތަކަށް ވެސް ނުނިދާ އުޅޭ މީހެއްގެ ވާހަކަ ކިޔައިދީފިއްޔާ ގަބޫލުކުރާނަން ހެއްޔެވެ؟ ހަގީގަތުގައި އެކަން ގަބޫލުކުރަން ދައްޗެވެ. ނަމަވެސް މިއީ އަސްލު ހަގީގަތެއް ކަމަށް ބުނެ ވަނީ ރިޕޯޓް ކޮށްފައެވެ.

ވިއެޓްނާމަށް އުފަން އުމުރުން 80 އަހަރުގެ ތައި ނޮކް ނުނިދާ އުޅޭތާ 60 އަހަރު ވެއްޖެއެވެ. އެމެރިކާގެ މަޝްހޫރު ބްލޮގަރު ޑްރޫ ބިންސްކީ ގެ ޔޫޓިއުބް ވީޑިއޯގައި އޭނާ ކިޔައިދިނީ މި މީހާގެ ވާހަކައެވެ. ތިން ދުވަހުގެ ދިގު ދަތުރަކަށް ފަހު ޑްރޫ އަށް ނޮކް އާ ދިމާވެއެވެ. އަވަށާ ވަކިން ހުންނަ ނޫކުލައިގެ ގެއެއްގައި އޭނާ ދިރިއުޅެމުން އަންނަނީ އަނބިމީހާ އާއި ދަރިފުޅާ އެކުގައެވެ.

ތައި ނޮކް ބުނާ ގޮތުގައި އޭނާ އެންމެ ފަހުން ނިދި ހަނދާނެއް ވަނީ 1962 ވަނަ އަހަރުއެވެ. ވީޑިއޯ ގައި ނޮކް ބުނީ އޭނާގެ އުމުރުން 20 އަހަރުގައި ވަރަށް ބޮޑަށް ހުން އައިސް ބަލިވިކަމަށާއި ހުމުން މީހާ އެއްކޮށް ސަލާމަތްވި އިރު އޭނާއަށް އެއްގޮތަކަށްވެސް ނުނިދޭ ކަމަށެވެ. ނިދަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ކާމިޔާބުވާގޮތް އަދި ނުވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ރޭގަނޑު އެންމެން ނިދުމުން އޭނާ މަސައްކަތް ކުރަނީ ކަމަށާއި ދަންވަރު ނުނިދާ ހުރެގެން އޭނާ ވައިން ހަދަނީ ކަމަށެވެ.

ނޮކްގެ އަނބިމީހާ ބުނީ އެންމެ ފުރަތަމަ އޭނާ ނުނިދާ އުޅެން ފެށުމުން ވަރަށް ހާސްވެ ކަންބޮޑުވި ކަމަށާއި ޑޮކްޓަރަށް ދައްކައިގެން ޓެސްޓުތައް ހެދިނަމަވެސް ނޮކް އަށް ނުނިދޭންވީ ސަބަބު ޑޮކްޓަރުންނަށް ކިޔައި ދެވިފައި ނުވާ ކަމަށެވެ. އޭގެ ފަހުން މިހާރު އަހަރުތަކެއް ފާއިތުވެއްޖެ ކަމަށާއި މިހާރު އެކަމަކީ އޭނާ އަށް ވަރަށް ނޯމަލް ކަމެއް ކަމަށެވެ.

ރިކޯޑްތަކުން ދައްކާ ގޮތުން ނުނިދާ އިންސާނަކު މިހާތަނަށް ހުރި އެންމެ ދިގު މުއްދަތަކީ 11 ދުވަސް ނުވަތަ 264 ގަޑިއިރެވެ. ނަމަވެސް ނުނިދާ ހުރުމުން ފުރާނައަށް ގެއްލުން ވުން ނުވަތަ މަރުވުމުމުގެ ފުރުސަތު ކުޑަ ނަމްވެސް ސިއްހީ ގިނަ މައްސަލަތައް ދިމާވާ ކަމަށް ސައިންސް ބުނެދެއެވެ. އަދި ކޮންމެވެސް ސިފައެއްގައި ނޭނގި ނަމަވެސް ނިދޭނެ ކަމަށާއި ނުނިދާ ހުރެވުމަކީ އާންމު ތޮބީއަތާ ހިލާފުކަމެއް ކަމަަށްވެސް ބުނެފައި ވެއެވެ.

މި ނޮކް ނުނިދާ މައްސަލަ ވިއެޓްނާމް ޓީވީ ޗެނަލްތަކުންވެސް ރިޕޯޓް ކުރިއެވެ. ކެމެރާ ހަރުކޮށްގެން އޭނާގެ ހަރަކާތްތައް ބަލާ ހެދިއެވެ. އެމީހުންވެސް ބުނަނީ މީނާ ނުނިދާ ކަމަަށެވެ.