މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ އާސިރު އެންމެ ފަހުން އެއާޕޯޓުގެ ޓަމިނަލް އަށް ވަންނަ މަންޒަރު ކަަމަށް ފުލުހުން ބުނެފިއެވެ.
ސ. މަރަދޫ/ފޭދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ އިރު އާސިރު ހޯދުމަށް ހިންގާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މާލޭގެ ވަރަށް ގިނަ ސަރަހއްދުތަކުގެ ސީސީޓީވީ ފުތޭޖްތަކާއި އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުގެ ފުޓޭޖްތައް ބަލާފައިވާ ކަަމަށެވެ. އެގޮތުން ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ 7:20 ހާއިރު ބޮޑުތަކުރުފާނު މަގު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އާސިރު އަރާ މަންޒަރު ފެނިފައިވާ ކަަމަށް ފުލުހުން ބުނެއެވެ.
އެ ޓެކްސީގައި އޭނާ ވަނީ އެއާޕޯޓް ޓާމިނަލަށް ގޮސްފައިވާ ކަމަށާއި އެތަނަށް ޓެކްސީ ދިއުމުން ކާރުން އޭނާ ފައިބައިގެން އޭނާ ޓަމިނަލްއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ބެލިބެލުމުން އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން މިހާތަނަށް އެނގިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ފުތޭޖްތަކާއި އެއާޕޯޓްގެ އިތުރު ސަރަހއްދުތަކުގެ ސީސީޓީވީ ފުތޭޖްތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މާލޭގައި ދިރިއުޅެމުން ދިޔަ އާސިރު މި މަހުގެ 4 ވަނަ ދުވަހުގެ 19:30 ހާއިރުން ފެށީގެން ވީނުވީއެއް ނޭގިގެން ގެއްލިގެން ރިޕޯޓްކޮށްފައިވާ އިރު، އެނާގެ އާއިލާއިން ބުނީ، އެންމެ ފަހުން އާސިރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށެވެ. އާސީރުގެ ހަބަރެއް އަދި ދިޔަތަނެއް ނޭގި ފުލުހުން އޭނާ ހޯދަމުންދާތާ ހަފްތާއެއް ވީ އިރު އަދި އޭނާ ފެނިފައެއް ނުވެއެވެ.