ކޮންމެ ފެބްރުއަރީ މަހެއްގެ 14 އަކީ ވެލަންޓައިންސް ޑޭ ނުވަތަ ދިވެހިން ކިޔާ ގޮތުން ލޯބިވެރިންގެ ދުވަހެވެ. އެ ދުވަހު ލޯބި ގަދަ ކުރަން ގެރީގައި ބައްދަން އިރުޝާދު ދީ ޖަނަވާރާ ބެހޭ އިންޑިއާގެ އިދާރާއިން ކުރި އިއުލާން ބާތިލް ކޮށްފިއެވެ.
އިންޑިއާގެ އެނިމަލް ވެލްފެއާ ބޯޑުން ބުނީ، ކުރިން ކުރި އިއުލާން މިހާރު ކެންސަލް ކަމަށާއި އެގޮތަށް ނިންމީ އެގައުމުގެ ފިޝަރީޒް، އެނިމަލް ހަސްބޭންޑްރީ އަދި ޑައިރީއާއި ކަމާބެހޭ އެހެން އިދާރާތަކުން ކެންސަލް ކުރަން އިރުޝާދު ދިނުމުން ކަމަށެވެ.
ގެރި ލޯބި އިތުރު ކުރަން ހިއްވަރު ދީ ވެލްފެއާ ޑިޕާޓުމަންޓުން ނެރުނު އިއުލާނާ ގުޅިގެން އިންޑިއާގެ ސޯޝަލްމީޑިއާ ފުރާލީ ޖޯކުންނެވެ. އެއާއެކު މީމްތައް ވެސް ހަދާ ޓިކްޓޮކާއި، ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގައި އެ ގޮވާލުމަށް ޖޯކު ޖަހަމުން ދާއިރު، އެކަމުގައި އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކުންވެސް ދަނީ ބައިވެރިވަމުންނެވެ.
އެގޮތުން، އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރެއް ކަމަށް ވާ ޝަޝީ ތަރޫރް ވިދާޅުވި ޖޯކެއް މާ ބޮޑަށް ވައިރަލް ވެ ވައިގާ ހިފާފައި ވާ އިރު އޭނާ ވަނީ އެޖޯކު ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތް ކުރައްވައި "ވަތަނީ މީހުންނަށް" އޭނާ ވިދާޅުވި ޖޯކުގެ ފަހު ބަސް ރަނގަޅަށް އަޑު ނީވުނީ ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާގެ ޖޯކުގައި ވިދާޅުވީ، "ވެލަންޓައިންސް ޑޭ – ލެޓް ދެމް ހަގް ދެއާ ގައި" އެވެ. އެ ޖޯކް މިހާރު މީމް ވެގެން ދަނީ، "ގައި" އޮތް ތަން "ގޭ" އަށް ބަދަލުވެ، އެއްޖިންސުން ގުޅުންހިންގަން ހިއްވަރުދޭ ކަމަށް ބުނާ ފަދަ ރޫހެއްގައެވެ.
ވެލަންޓައިންސް ޑޭ ފާހަގަ ކުރުމަކީ ދިވެހިންގެ ތެރޭގައިވެސް އޮންނަ ކަމެކެވެ. އެދުވަސް އަންނަ އިރު، "ހުސްކޮށް ތިބޭ ކުދިން" ކުރާނީ ކީއްތޯ އަހާ ސުވާލުތައް ކުރުމައި ކޭކް އަޅާ، މާބޮނޑި ހަދާ، ތަފާތު އެކި ޑިޒައިންތަކުގެ ކާޑު ތައްޔާރުކޮށް، ކޭންޑަލް ލައިޓް ޑިނާ ރާވާ ހެދުމަކީ ކޮށްއުޅޭ ކަންކަމެވެ.
އިސާއީ ވިސްނުމެއްގެ ތެރެއިން ދެމިގެން އަންނަ އެ ސަގާފަތް ދިވެހިންގެ ތެރެއަށް ވަދެފައި އޮތް މިންވަރުން، ބައެއް ދިވެހިން އެ ދުވަސް ފާހަގަ ކުރަނީ އެއީ އިސްލާމީ އުސޫލުތަކާ ހިލާފު ކަމެއްކަން ނޭނގި ތިބެއެވެ. އަދި އެކަން ބުނެދޭނެ އިދާރާއެއް ވެސް ރާއްޖޭގައި ނެތީމައެވެ.
ވެލަންޓައިންސް ޑޭ ފާހަގަ ކުރުން ފެށިގެން އައީ، 3 ވަނަ ގަރުނުގެ ތެރޭގައި ރޯމުގައި އުޅުނު ފާދިރީއަކު ކުރި ކަމަކާ ގުޅިގެންނެވެ. އޭރު ރޯމްގެ ވެރިކަމުގައި ހުރި ކްލައުޑިއަސް ގަބޫލު ކުރި ގޮތުގައި މީހުންނާ އިނދެގެން ތިބޭ ސިފައިންނަކީ ކަމުދާ ބައެއް ނޫނެވެ. އެހެން ކަމުން އެކަން މަނާކޮށްފައި އޮއްވާ މި ވެލަންޓައިން ނަމަކަށް ކިޔާ ފާދިރީ، ސިއްރިއްޔާތުގައި މީހުން ކައިވެނި ކޮށްދެމުން ދަނިކޮށް އެކަން ފަޅާ އަރާ އޭނާ ޖަލަށް ލިޔެވެ. މަރަން ހުކުމްކޮށް ޖަލަށްލައިފާ ހުއްޓާ، ޖަލުބަލަހައްޓާ މީހާގެ އަންހެން ދަރިއާ އޭނާ ހިތާވެއެވެ. ދެން ފެބްރުއަރީ 14 ވަނަ ދުވަހު އޭނާ މަރާލުމުގެ ކުރިން، އެ އަންހެން މީހާއަށް ފޮނުވި ނޯޓެއްގައި "ފްރޮމް ޔުއާ ވެލަންޓައިން" ޖަހާފައި އޮތް އޮތުން ޖީލުތަކަށް ދެމެމުން ބަދަލުވަމުން އައިސް 14 ވަނަ ގަރުނާ ހަމައިން ބަދަލުވީ ލޯބިވެރިންގެ ދުވަހަށެވެ.
އިންޑިއާގައި ލޯބިވެރިންގެ ދުވަހު ގެރީގައި ބައްދާ ލޯބި އިތުރުކުރަން ގޮވާލުން ޖޯކަކަށް ވެ ޒުވާނުން އަދި ތައުލީމީ މުޖުތަމައުގެ ތެރޭގައި އެކަން ބޮޑު ހަޖުލަކަށް ހަދާފައި ވާއިރު، އިންޑިއާގެ ދީނީ ޖަމާއަތްތައް ކަމަށް ވާ ޝިވް ސެނާ އާއި ބަޖްރަންގް ދާލް ފަދަ ޖަމާއަތްތަކުން ބުނެފައި ވަނީ ގެރީގައި ބެއްދުމުން ރޫހާނީ ގޮތުންނާއި ނަފްސީ ގޮތުން ލިބޭ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެގެން ދާނެ ކަމަށެވެ.
ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގައިވެސް ޒުވާނުންނާއި އެނޫންވެސް ގިންތިފުރާތަކުގައި ވެލަންޓައިންސް ޑޭ ފާހަގަ ކުރުމަށް ރައްޓެހިންނާއި ލޯބިވެރިންނާ އެކު ޕާކްތަކާއި ރެސްޓޯރަންޓްތަކާއި އެނޫންވެސް މެހެފިލް (ހަފްލާ) ތަކުގައި ބައިވެރިވެ އުޅެއެވެ. ނަމަވެސް ފާއިތުވި ގިނަ އަހަރުތަކުގައި، ވެލަންޓައިންސް ޑޭ ފާހަގަ ކުރަން އުޅުނު ފަރާތްތަކަށް ހިންދޫންގެ ހަރުކަށި ޖަމާއަތްތަކުން ހުރަސް އަޅާ، ރެސްޓޯރަންޓްތަކުން މީހުން ނެރެ، ޕާކުތަކަށް ވަދެ ފުރައްސާރަ ކޮށް، ވެލަންޓައިންސް ޑޭ އާ ގުޅޭ ތަކެތި ވިއްކާ ފިހާރަތަކުން އެތަކެތި ނެރެ ވީދާ، އަންދާ ހަދާފައި ވެއެވެ.
ގެރިއަކީ އިންޑިއާގައި ކަލާނގެއެއް ކަމަށް ބަލައިގެން އަޅުކަން ކުރާ އެއްޗަކަށް ވާއިރު ބައެއް ސަރަހައްދުތަކުގައި ގެރީގެ ދަރަޖައަކީ އަމިއްލަ މައިމީހާގެ ދަރަޖައެވެ. އެހާ ބޮޑު ގަދަރެއް އެމީހުން ދޭ ޖަނަވާރެއްގެ ގައިގާ ބެއްދުމަށް ހިއްވަރު ދޭ އިރު، ގެރި މަސް ކެއުމާއި މެރުން ފަދަ ކަންކަމަކީ އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި މުޅިން މަނާވެސް ކަންތައްތަކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން، ގެރިމަސް ކާ ކަމަށް ތުހުމަތުކޮށް ނުވަތަ ގެރިއަށް އިހާނެތިކޮށް ހަދާކަމުގެ ތުހުމަތުގައި ހިންދޫ ހަރުކަށި ޖަމާއަތްތަކުން، 2012 އިން 2018 އާ ދެމެދު 45 މީހަކު މަރާލާފައިވެސް ވެއެވެ.
ބުނެދޭނެ އިދާރާއެއް ސަރުކާރުގަ ނޯންނާނެ ސަރުކާރުގަ ތިބި އަދާލަތު ބައިގަނޑަކީ ވަޒީފާ ފިޔަވައި ކޮންމެ ކަމެއްް ވަރިހަމަ ބަޔެއް. ޢެމްޑީޕީ ސަރުކާރަކީ ޚާއްސަކޮށް އިބޫއާ އޭނާގެ އާއިލާ އަންނިއާ އަންނިގެ އާއިލާއަކީ އިސްލާމްދީނާ ޚިލާފް މިފަދަ ހުރިހާ ކަމަކަށް ހިތްވަރުދޭ ބަޔެއް. މިދުވަސް ފާހަގަ ކުރާ ދިވެހި ބުރާންތިން ނަށް ނޭނގޭ ކްރިސްޓިއަން ފާދިރީއެއްގެ ޒިކުރާ ކަމެއް މިއާ ކުރަނީކީ.