އިންޑިއާގެ ޝީއީން ތަމްސީލު ކުރާ ޖަމާއަތުން ބޮމްބޭގައި ގާއިމުކުރި އެކެޑަމީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުޅުވައިދެއްވައިފިއެވެ.

މި އެކެޑަމީ ހުޅުވައިދެއްވަމުން މޯދީ ވިދާޅުވީ، އޭނާ އެ އުފާ ލިބިވަޑައިގަންނަވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ނޫން ކަމަށާއި، އޭނާ އަކީ "އެ އާއިލާގެ ބޭފުޅެއް" ކަމަށެވެ.

މޯދީ އެހެން ވިދާޅުވީ، ޝީއީންނާ އޮންނަ ގާތްކަން ހާމަ ކޮށްދެއްވުމުގެ ގޮތުންނެވެ. ދާވޫދީ ބޮހޮރާ އިންސްޓިޓިއުޓް ނުވަތަ ސައިފީ އެކެޑަމީ އަކީ ޝީއީންގެ ގަބޫލުކުރުންތަކާއި ހަމަތައް ކިޔައިވައި ދޭން އިންޑިއާގައި ހިންގާ މަދުރަސާތަކުގެ ދަށުން ބޮމްބޭގައި ހުޅުވި ތަނެކެވެ. މޯދީ ވިދާޅުވާ ގޮތުން، އެ ޖަމާއަތަކީ، އިންޑިއާގެ ސިޔާސަތާއި އިންޑިއާގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ހެޔޮ ލަފާ އަދި ބޭނުންޖެހޭ ވަގުތުތަކުގައި އަވަހަށް ލަފާ ދޭ ބައެއް ކަމަށާއި، ޒަމާންތަކެއް ވީ ގާތް ގުޅުމެއް އޮންނަ ޖަމާއަތެއް ކަމަށެވެ.

އިތުރަށް މޯދީ ވިދާޅުވީ، އެ ޖަމާއަތުގެ ފައިތުވީ 4 ޖީލުގެ މެންބަރުންވެސް އޭނާގެ ގެކޮޅަށް ޒިޔާރަތް ކުރާ ކަމަށާއި އިންޑިއާ އާއި އިންޑިއާއިން ބޭރުގައިވެސް ބައްދަލުވެ އުހުވަންތަ ކަމުގެ ގުޅުމެއް އޮންނަ ކަމަށެވެ.

މި ބޮހޮރާ އެކެޑަމީއަކީ، އިސްލާމީ ތައުލީމު ދޭ އެކެޑަމީއެކެވެ. އިންޑިއާގެ މިހާރުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ މި އެކެޑަމީގެ ރޫހާނީ ލީޑަރަކީ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތު މައްސަލަތަކުގައި ވެސް މޯދީއަށް ލަފާދީ އެހީތެރިކަން ފޯރުކޮށް ދީފައިވާ މީހެކެވެ.