މިއަދު ވެސް އާންމުންގެ ޝަކުވާ އަކީ ކޯޓުތަކުން މައްސަލަ ލަސްވުން ކަމަށާއި، އެ ޝަކުވާތައް ހައްލުކުރުމަށްޓަކައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތް ރަށްރަށުގެ ކޯޓުތަކުގައި ވަނީ ހަމަޖައްސާފައި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

"ގަޟައީ އަހަރު 2023" އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފަނޑިޔާރުންނަށް ފަނޑިޔާރުންގެ ޒިންމާ އަދާކުރެވޭނީ ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ ފަނޑިޔާރުންގެ އެންމެ އިސް އަމާޒު ކަމަށް ހަދައި، ފަނޑިޔާރުންގެ ހުކުމްތައް ބިނާކުރާ މަސްދަރަކީ އިސްލާމީ ޝަރީއަތާއި، ގާނޫނުއަސާސީ އާއި ގާނޫނުތައް ކަމަށް ހަދައިގެން ކަމަށެވެ.

ޝަރުއީ ދާއިރާ މިއަދު މަސައްކަތްކުރަނީ ފުރިހަމަ މިނިވަންކަމާ އެކު ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކޯޓުތަކާ މެދު އާންމުން ދެކޭގޮތް ބަދަލުވެ، ފަނޑިޔާރުންގެ ނިންމުންތަކާ މެދު އިތުބާރު އުފެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މައްސަލަ ހުށަހެޅުމަށް ފަހު ވަގުތު ފާއިތުވެގެން ދިއުމުގެ ކުރިން ކޯޓުތަކުން ހުކުމް އިއްވައި، މައްސަލަތައް ނިންމަން ޖެހޭނެއެވެ. މިއަދު ވެސް ބައެއް އާންމުންގެ ފަރާތުން މައްސަލަތައް ލަސްވެ، ދިގުލައިގެން ދިއުމުގެ ޝަކުވާ އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެ ޝަކުވާ އަށް ހޯދައިދެވުނު އެއް ހައްލަކީ އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމުތައް ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި ވެސް ގާއިމްކޮށް ނިންމުން. މި ބަދަލުގެ ސަބަބުން ދަތުރު ހަދައިގެން ކޯޓަށް ހާޒިރުވުމަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކާއި، ކުރަންޖެހޭ އެތައް ހަރަދަކުން ސަލާމަތް ވެސް ވެއްޖެ،"

އޭގެ އިތުރުން، މިހާރު ކުރިއަށް ދަނީ ޝަރުއީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކަމަށާއި، 2020 ވަނަ އަހަރު ފެށި އެ މަސައްކަތަށް ޖުމްލަ 22.6 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.