މި އަހަރު ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު އިތުރުވުމާއި، އެ މަހު ބޭއްވި އެމްޑީޕީ ޕްރައިމަރީ އާ އެއްވެސް ގުޅުމެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު އިތުރު ނުވާކަމަށެވެ. އާސަންދައިން އެކި މަސްމަހު ހަރަދުކޮށްފައި ހުންނާނީ އެކި މިންވަރަށް ކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ އެތެރޭގެ އިންތިހާބަކާއި އާސަންދައާ ގުޅުވީ ކިހިނެއް ކަން ވިސްނިވަަދައި ނުގަންނަވާ ކަމަށެވެ. އަދި އިންތިހާބުތަކާ ދިމާކޮށް މީހުން ޑޮކްޓަރަށް ދެއްކުން އިތުރުވެގެން ދިޔަކަންވެސް އެނގިވަަޑައިގެންފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ.
އާސަންދައިން އެ މަހަކު ހަރަދުކުރަނީ އެ މަހަކު ޑޮކްޓަރަށް ދައްކާ މީހުންނަށް އެކަނި ނޫން ކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ ކުރީ މަހުގައި އެކި ހޮސްޕިޓަލް އަދި ކްލިނިކްތަކުން ފޮނުވާފައި ހުންނަ ބިލްތަކަށްވެސް ޖެހިގެން އަންނަ މަހު ފައިސާ ދައްކާ ކަމަށެވެ. "ބައެއް މަސްމަހު ހުންނާނެ ސީދާ އެމަހުގެ ޕޭމަންޓު ނުދައްކާ ޖެހިގެން އަންނަ މަހުގެ ޕޭމަންޓު ހަދާފަވެސް. އެކަން ހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ." މިއުވާން ވިދާޅުވިއެވެ.
މިއުވާން މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާސަންދައިގެ ހަރަދުތަކާ ގުޅިގެން ދައްކަވާފައިވާ ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ހިނގާގޮތް ދައްކުވައިދޭ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހިނގި ހަރަދު ހަތަރު ގުނަ އިތުރުވެފައި ވާކަމަށެވެ. އަދި މިއީ އެތެރޭގެ އިންތިހާބާ ގުޅިގެން އައި ބަދަލެއްތޯ ރައީސް ނަޝީދު ވަނީ ސުވާލު ކުރައްވާފައެވެ.