ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތުގައި ވެސް އިދިކޮޅު މެންބަރުން އިހްތިޖާޖު ކޮށްފިއެވެ.

މި އަހަރުގެ މަޖިލިސް ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ޖަލްސާގައި ވެސް އިދިކޮޅު މެންބަރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވަނިކޮށް ރިޔާސަތުގެ މޭޒު ކުރިމަތީގައި އިހްތިޖާޖު ކޮށްފައި ވާއިރު، އެ މެންބަރުންގެ ނަން އިއްޔެ އިއްވައި، މެންބަރުން ނުކުންނަން ދެން ޖަލްސާ މެދުކަނޑާލާފައިވެސް ވެއެވެ.

އިދިކޮޅު މެންބަރުން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށާއި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކުރުމަށެވެ.

މިއަދުގެ ޖަލްސާ ސައިގެ ވަގުތަށް މެދުކަނޑާލުމާ ހަމައަށް އިދިކޮޅު މެންބަރުންގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދާއި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މަޑުއްވަރީ ދާއިރާގެ މެންބަރުގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގެންދެވީ ރިޔާސަތުގެ މޭޒު ކުރިމަތީގައި އިހްތިޖާޖު ކުރައްވަމުންނެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި، ނަފްސާނީ ސިއްހަތާ ގުޅޭ ހިދުމަތްތަކާ ބެހޭ ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން މި ހިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަށް ގޮވާލާ ހުށަހެޅުއްވި ގަރާރަށް މެންބަރުން ބަހުސްކުރައްވަމުން ގެންދެވި ވަގުތު މެންބަރު ޝިޔާމް ވަނީ އަޑުގަދަކުރައްވާފައެވެ.

"އެމްޑީޕީ ވެރިކަމަށް އައީ ފަނޑިޔާރުގެ އިސްލާހުކުރަން އިއްޒަތްތެރި ރައީސް، އެކަމަކު ބާގީން ވެރިކަމަށް ލައިގެން މިއަދު ވެސް އެކަން ފާހަގަކޮށްލާކަށް ނުކެރުނު، މިއަދު ވެސް ފާހަގަކޮށްލަން ނުކެރުނު އެމްޑީޕީ އަށް،"
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް

މެންބަރުން އެވަގުތު ބަހުސްކުރައްވަމުން ގެންދަވާތީ ޝިޔާމް ދެއްކެވި ވާހަކައެއް ސާފެއްނޫނެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ބަހުސްކުރައްވަމުން ގެންދެވިއިރު ވެސް ޝިޔާމް އަޑުގަދަކުރައްވަމުން ގެންދެވި ވަގުތު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ ނިޒާމީ ނުކުތާ އެއް ނަންގަވާފައެވެ. އޭނާ ވިދާޅުވީ، ޝިޔާމް އަޑުގަދަކުރައްވަމުން ގެންދަވާތީ ތަޅުމުގައި މެންބަރުން ދައްކަވާ ވާހަކަ ސާފުވެވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދެވީ މައިކް ސިސްޓަމްގައި މައްސަލައެއް ހުރި ކަމަކަށް ފާހަގަވެވަޑައިނުގަންނަވާ ކަމަށެވެ.

ނިޒާމީ ނުކުތާ ނަންގަވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ވެސް އެކަން ފާހަގަކުރައްވައި، ނަޝީދުގެ މަސްއޫލިއްޔަތުތަކާ މެދު ވަނީ ސުވާލުކުރައްވާފައެވެ.

"އިއްޒަތްތެރި ރައީސް، ރައީސްގެ މަސްއޫލިއްޔަތެއް ނޫންތޯ މި މަޖިލިހުގެ ފްލޯ މިނޫން ގޮތަކަށް ކުރިއަށް ގެންދިއުމަކީ، މިއީ ތޯ ރައީސްގެ މަސްއޫލިއްޔަތަކީ،؟
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ

އެއާއެކު، ނަޝީދު ވިދާޅުވި ހަމައެކަނި ވާހަކަފުޅަކީ، "މަޖިލިހުގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާނަން،" މިހެންނެވެ.

އިތުރު މެންބަރަކު އެވަގުތު ރިޔާޒްގެ ގަރާރަށް ބަހުސްކުރައްވަން އެދިވަޑައިގެންފައި ނެތުމުން، ނަޝީދު ވަނީ 10:10 ހާއިރު މަޖިލީހުގެ ޖަލްސާ ސައިގެ ވަގުތަށް މެދުކަނޑާލައްވާފައެވެ.

ރައީސް އިއްޔެ ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު މެންބަރުން އަޑުގަދަކުރައްވަމުން ގެންދަވާތީ، އެ މެންބަރުންގެ ނަންތައް އިއްވައި، މަޖިލީހުގެ ތަޅުމުން ނިކުންނެވުމަށް ރިޔާސަތުން ވަނީ އަންގާފައެވެ. ނަމަވެސް މެންބަރުން ނިކުމެވަޑައިނުގަތުމުން، އެންމެ ފަހުން މަޖިލީހުގެ ސެކިއުރިޓީން އައިސް ވަނީ މެންބަރުން ބޭރުކޮށްލާފައެވެ. ނަމަވެސް މިއަދުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އެއްވެސް މެންބަރެއްގެ ނަން އިއްވާފައެއް ނުވެއެވެ.