މިއަދު ހެނދުނު ތުރުކީ އާއި ސީރިއާގެ ބޯޑަރަށް އައި ބިންހެލުމުގައި ދިވެހިރާއްޖެ ވަނީ ތުރުކީގެ ރައްޔިތުންނާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު މަރުވި ހަބަރު ލިބުމުން ހިތާމަ ކުރައްވާ ކަމަށާއި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ އާއި ތައުޒިޔާ ދަންނަވާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހިރާއްޖެ އޮތީ ތުރުކީގެ ރައްޔިތުންނާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ހެނދުނު ތުރުކީއަށް އައި ބިންހެލުމަކީ ރެކްޓާ މިންގަޑުގެ 7.8 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. މިހާތަނަށް މި ބިންހެލުމުގެ ސަބަބުން 640 މީހުން މަރުވެފައި ކަަމަށް ރިޕޯޓް ކޮށްފައިވާ އިރު، އަނިޔާވި މީހުންގެ އަދަދު ހާހުން މައްޗަށް އަރާފައިވާ ކަަމަށް ރިޕޯޓްތަކުން ބުނެއެވެ.

މި ބިންހެލުމުގެ އަސަރު އެތައް މޭލެއްގެ ދުރަށް ކޮށްފައި ވާ އިރު، އިމާރާތްތައް ވެއްޅި ފުނޑުފުނޑުވެ އެތައްބަޔަކު އަދިވެސް ވަނީ ގާކުނޑިތަކުގެ ދަށުގައެވެ. އޮފިޝަލުން ބުނާގޮތުގައި، މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު ބޮޑުތަނުން މަތިވާނެއެވެ.

މިއީ 1939 އަށް ފަހު ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.