އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ގުޅިގެން ހައްލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ސޮއިކޮށްފިއެވެ.

ލަންކާގައި އޮތް ރަސްމިއްޔާތެެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އެވެ. ލަންކާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އިމިގްރޭޝަން ކޮންޓްރޯލަރު ނިހާލް ރަނަސިންގާއެވެ.

މި ރަސްމިއްޔާތުގައި ދެ ގައުމުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ރަސްމިއްޔާތުގެ އިތުރު ތަފްސީލް ދިވެހި ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

އިމިގްރޭޝަންގެ މައްސަލަތައް ގުޅިގެން ހައްލުކުރުމާ ގުޅޭ އެއްބަސްވުމެއް ރާއްޖެއާ އެކު އެކުލަވާލަން ނިންމިކަން ލަންކާގެ ސަރުކާރުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

އެ ގައުމުގެ ސަރުކާރުން ބުނީ، މި އެއްބަސްވުމުގެ ސަބަބުން:

  • އިންސާނީ ވަގުފާރި ހުއްޓުވުމަށް މަސައްކަތްކުރެވޭނެ ކަމަށް
  • ބްލެކްލިސްޓުކުރި މީހުން ދެ ގައުމަށް ނުވަދެވޭ ގޮތް ހެދިގެން ދާނެ ކަމަށް
  • ގާނޫނާ ގަވައިދުތަކާ ހިލާފަށް މީހުން އެތެރެވުން ހުއްޓުވޭނެ ކަމަށް
  • ދެ ގައުމުގެ އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ބޭރު އެއް ގައުމަކީ ލަންކާއެވެ. އަދި އެ ގައުމުގެ ގިނަ މީހުން ވެސް ރާއްޖެ އަށް އާދެއެވެ.