އެމެރިކާގެ ރިސާޗް ފާމެއް ކަމަށް ވާ ހިންޑަންބާގް އިން އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީ އާ ގުޅެގޮތުން ފެންމަތި ކުރި ކޮރަޕްޝަންގެ މައްސަލަތާ ގުޅިގެން، އެކަން ކަން ތަހުގީގު ކުރުމަށް ގޮވާލައި އިދިކޮޅުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައިފިއެވެ.

ޖެހިޖެހިގެން 2 ވަނަ ދުވަހު ޖަލްސާތައް ހުއްޓުވި އިރު އިދިކޮޅުން ގޮވަމުން ދަނީ އަދާނީއަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށެވެ.

އެތައް ބަޔަކު މިލިއަމުން މިލިއަނުން އިންވެސްޓް ކޮށްފައި ވާ އަދާނީ ގްރޫޕާ ގުޅޭ ގޮތުން ހިންޑަންބާގް ގެ ރިސާޗްގައި އަދާނީގެ މައްޗަށް ތުހުމަތު ކުރާ މައިގަޑު ދެކަމަކީ މާލީ މުއާމަލާތްތަކުގައި މަކަރު ހެދުމާއި ހިއްސާގެ ބާޒާރަށް އޮޅުވާލުމެވެ.

މި މައްސަލައިގައި އިންޑިއާގެ ސިޔާސީ މަސްރަހް ހޫނުވެ، މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައި ވާ އިރު، އިދިކޮޅުން ޑިމާންޑް ކުރަނީ، މައްސަލަތައް ތަހުގީގު ކުރަން ޖޮއިންޓް ޕާލިމަންޓަރީ ކޮމިޓީއެއް ނުވަތަ ސްޕްރީމްކޯޓުން ފާރަވެރިވާ ޕެނަލެއް ހެދުމަށެވެ.

އަދާނީގެ ވިޔަފާރިއަކީ އިންޑިއާގެ އެތައް ބަޔަކު ހިއްސާގަނެފައިވާ ވިޔަފާރިއެއް ކަމުން، އެ ހިއްސާދާރުންގެ ހައްގުތައް ރައްކާތެރި ކޮށްދޭން ޖެހޭނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ. ހުސްވި ހަފްތާގައި އާންމު ކުރި ހިންޑަންބާގް ރިޕޯޓާ ގުޅިގެން އަދާދީގެ ވިޔަފާރިތަކަށް 108 ބިލިއަން ޑޮލަރުގެ ގެއްލުން މިހާރުވެސް ވެއްޖެއެވެ. އާންމު އިންވެސްޓަރުން، އެމީހުންގެ ފައިސާ ނެގުމާއި، ހިއްސާގެ ބާޒާރުގައި އަގު ވެއްޓި ބޮޑުތަނުން ދަށަށް ދާއިރު، ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 3 ވަނަ ހޯދި އަދާނީ މިހާރު ވަނީ މިލްކިއްޔާތުގެ އަގު 74 ބިލިއަނަށް ވެއްޓި ރޭންކިން ވެސް 15 ވަނައަށް ވެއްޓިފައެވެ.

އަދާނީ ގްރޫޕަކީ އިންޑިއާގައި އެންމެ ބޮޑެތި ކުންފުނިތައް ހިންގާ ގްރޫޕެވެ. އެ ގްރޫޕުގެ ދަށުން އާންމު ވިޔަފާރިއާއި އެއާޕޯޓުތަކާއި އިއާދަ ކުރަނިވި ހަކަތައާއި، ޔުޓިލިޓީ ހިދުމަތްތަކާއި މައިނިންގެ މަސައްކަތް ކުރާ ކުރާ ކުންފުނިތައް ހުރެއެވެ.

އަދާދީ ގްރޫޕަށް ތުހުމަތު ކުރާ މައްސަލަތަކާ ގުޅިގެން އިއްޔެވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައި ވާ އިރު، އެ މައްސަލަތައް ތަހުގީގު ކުރުމަށް އިދިކޮޅުން ހުށަހެޅި ހުށަހެޅުން މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. މަޖިލީހުގައި މެޖޯރިޓީ އޮންނަނީ، މިހާރު ވެރިކަން ކުރާ ނަރެންދްރަ މޯދީގެ ބީޖޭޕީއާއި ކޯލީޝަން ޕާޓުނަރުންނަށެވެ. މި އަދާނީ އަކީ މޯދީގެ ވަރަށް އަރިސް ބޭފުޅެއް ކަމުން، އަދާނީގެ މަސްލަހަތު ހިމާޔަތް ކޮށްދެއްވަނީ މޯދީ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.

މި މައްސަލައިގައި އެންމެ ބާރަށް އަޑުއުފުލާ އިދިކޮޅު ކޮންގްރެސް ޕާޓީން ތުހުމަތު ކުރާ ގޮތުގައި، އަދާދީ ސަލާމަތް ކުރުމުމުގެ ބޭނުމުގައި އެ ކުންފުނީގައި އިސްވެސްޓް ކުރަން އާންމު ކުންފުނިތަކަށް ސަރުކާރުން ދަނީ ޕްރެޝަރުވެސް ކުރަމުންނެވެ. އަދި ބީޖޭޕީގެ "ފްރެންޑް" ސަލާމަތް ކުރަން އާންމުންެ ފައިސާކޮޅު ބީޖޭޕީން "ދަމައިގަންނަ" ކަމުގެ ތުހުމަތުވެސް އިދިކޮޅުން ވަނީ ކޮށްފައެވެ. މިއާއެކު، މި މައްސަލައިގައި މުޅި އިންޑިއާއަށް ފެތުރިގެން ދާ ގޮތަށް މުޒާހަރާތައް ކުރާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

ހިންޑަންބާގް ރިޕޯޓުގައި ފާހަގަ ކުރި ކަންކަން އަދާނީ ގްރޫޕުން ދޮގު ކޮށްފައި ވާ އިރު، ހިންޑަންބާގްގެ އޮފިޝަލުން ބުނެފައި ވަނީ، އެއީ ސައްހަ މައުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައި އޮތް ރިޕޯޓެއް ކަމަށެވެ.