މޯލްޑިވްސް އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެކްސެސް ދޭން ނިންމާ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވި އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ.

މިއެއްބަސްވުމުގެ ދަށުން އޭސީސީގެ ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިމިގްރޭޝަންގެ ޑޭޓާބޭސްތަކުން ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން އެކްސެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ސަބަބުން އޭސީސީން ކުރަމުން ގެންދާ ތަހުގީގުތަކާ ގުޅިގެން އިމިގްރޭޝަންގެ އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވިގެންދާނެއެވެ. އަދި މި މަގްސަދުތައް ހާސިލުކުރުމަށް ކުރާނެ މަސައްކަތްތައް ކަނޑައެޅިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ދެމުއައްސަސާ ގުޅިގެން ގައުމީ ހިދުމަތުގައި ދެމިތިބުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ. މީގެ އިތުރުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތް ކުރެވިދާނެކަމަށާއި އިމިގްރޭޝަނުން ކޮރަޕްޝަން ފަދަ ނޭއްގާނީ އަމަލުތައް ހުއްޓުވުމަށް އަބަދުވެސް އެއްބާރުލުން ދޭނެކަމަށެވެ.