އަބޫ ދާބީން ފުރައިގެން އިންޑިއާގެ މުމްބާއީ އަށް ދަތުރުކުރި ވިސްޓާރާ އެއާލައިންގެ ފްލައިޓެއްގައި އިން އިޓަލީ އަންހެނަކު ބަސް ނަހާ ހަމަނުޖެހުން ހިންގުމުން ގޮނޑިއާ އެކު ބަނދެފިއެވެ.

މި އަންހެން މީހާ މުމްބާއީން ހައްޔަރު ކޮށް ކޯޓަށް ހާޒިރު ކުރުމުން ބެއިލްގެ ދަށުން ދޫކޮށްލާފައި ވީނަމަވެސް މިއީ، އިންޑިއާ އެއާލައިން ތަކުގެ ތެރެއިން މިފަދަ ހާދިސާއެއް ހިނގި ދެވަނަ އެއާލައިނެކެވެ. މީގެ ކުރިން އެއާ އިންޑިއާގެ ފްލައިޓަކުން ދަތުރުކުރި ފިރިހެނަކު އެ ފްލައިޓުގައި އިން އަންހެނެއްގެ ގަޔަށް ހީސް ލީ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ވިސްޓާރާ އެއާލައިންގައި ހިނގި މިހާދިސާގައި ކަން ހިނގި ގޮތް އެއާލައިން އާއި ފުލުހުންގެ ފަރާތުން ހާމަކޮށް ބުނީ، އިކޮނޮމީ ކްލާހުގައި އަންހެން މީހާއަށް އިންނަން ޖެހުނު ގޮނޑިއާ ދޭތެރޭ ހިތްހަމަ ނުޖެހި ހުސްކޮށް ހުރި ގޮނޑިއަކަށް ބަދަލުވާން އެދުނު ކަމަށާއި، އެކަމަށް ފްލައިޓްގެ ކްރޫއިން ދެކޮޅު ހެދުމުން އޭނާ ގަދަ ދައްކާ ބިޒްނަސް ކްލާހުގައި ހުރި ގޮޑިތަކަށް ދިޔައީ ކަމަށެވެ. އަދި އޭނާއަށް އެކަމުގައި ކްރޫއިން ހުރަސް އެޅުމުން، އައި ރުޅީގައި ކްރޫއެއްގެ ގައިގައި ޖަހާ، ދެވަނަ ކްރޫއެއްގެ މޫނަށް ކުޅު ޖެހިކަމަށް ބުނެއެވެ.

މީގެ އިތުރުން، އޭނާ ވަނީ، ކާއެއްޗެހި ޕެކްޓް ކަނޑާ، ބޯޓުތެރެއަށް އުކާލުން ފަދަ ބޭއަދަބީ ކަންކަން ކޮށްފައި ކަމަށްވެސް ބުނެއެވެ. މީގެ އިތުރުން އޭނާ ފާހާނާ އަށް ދާން އެދުމުންވެސް ކްރޫއިން އޭނާ ފޮނުވަން ދެކޮޅު ހެދިކަމަށާއި ނަމަވެސް އެކަން އެހެން ކުރީ، ޓާބިއުލަންސް ނުވަތަ ބޯޓު ތަޅުވަތީ ކަމަށް ބުނެފައި ވެއެވެ. އޭގެ ފަހުން ފާހާނާ އަށް ދާން އޭނާ އަށް ހުއްދަ ދިނުމުން ގޮސް އައިތަނުން ގޮނޑިއާ އެކު އޭނާ ބަނީއެވެ.

މުމްބާއީއަށް ބޯޓު ޖައްސަންދެން ވެސް އޭނާ އިނީ ގޮނޑިއާއެކު ބަނދެފައި ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މިހާދިސާގައި އަންހެން މީހާގެ ލޯޔަރު ބުނެފައި ވަނީ، އެއާލައިން އިން ކުރަނީ ގޯސް ތުހުމަތުތަކެއް ކަމަށާއި އަންހެން މީހާ، ގޮނޑި ބަދަލުކޮށްލަދޭން އެނދުމުން ކްރޫއިން ދެކޮޅުހެދީ ކަމަށެވެ.