ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ، ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓަށް ވީތީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެއް ކަމުން، ބޭނުންފުޅު ވެވަޑައިގަންނަވާހާ ގޮތަކަށް ސަރުކާރު ހިންގުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސަށް ފާޑު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވެރިކަން ހިންގުމުގައި ޕާޓީގެ ދައުރު ކުޑަކަމަށާއި އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ހުންނެވި އިރު މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ހުދޫދުގެ ތެރެއިން މަސައްކަތްތައް ކުރުމަށްޓަކައި ޕާޓީގެ ތެރޭގައި މަޝްވަރާތައް އިތުރުކުރަން ޖެހިފައި ވާކަމަށެވެ. އަދި މިހާރު ރައީސް، މަގާމު ފުރުއްވަމުން ގެންދަވަނީ އެ ފަދަ މަޝްވަރާއެއް ނެތި ކަމަށް ދޭހަވާ މޭރުމަކުން ވަނީ ވާހަފުޅު ދައްކަވާފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ތިން ބާރު ވަކިކުރެވިފައި އޮތް ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް މަސައްކަތާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަކީ މުޅިން ތަފާތު ދެ މަސައްކަތެއް ކަމަށާއި އެހެންކަމުން އެމަނިކުފާނާއި ރައީސް ސޯލިހް އާ ދެމެދު އެ ހައިސިއްޔަތުން ކޮންމެހެން ގުޅުމެއް އޮންނަން ނުޖެހޭ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ މިވަގުތުގެ ރައީސެވެ. އެމަނިކުފާނަށް ވެސް އެމަގާމަށް އާދެވުނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކަށް ވުމާއެކު މެންބަރުންގެ ތާއީދާއެކުގައެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލަތައް ހުރި ކަމަށް ބުނެ ޕްރައިމަރީއާ ގުޅޭ 53 މައްސަލައެއް ނަޝީދުގެ ފަރާތުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މި ދަނޑިވަޅުގައި، ނަތީޖާ ގަބޫލުފުޅު ނުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، ޕްރައިމަރީ އަންނާތީ ނަޝީދަށް ތާއީދު ކުރާ 39،000 އަށް ވުރެ ގިނަ މެމްބަރުން ޕާޓީން ވަކިކުރި ކަމަށާއި އަދި ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރި 24،000 އަށް ވުރެ ގިނަ މެމްބަރުންގެ ޖުމްލަ އަދަދު އެއްކުރުމުން އެ އަދަދު 70 ހާހަށް ވުރެ މަތިވާ ކަމަށެވެ.

އެއީ ނަޝީދު ވިދާޅުވާހާ ގޮތެއް ހަދާނެ ބައެއްކަން ދޭހަވާ މޭރުމަކުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ރުހުން ނެތިި އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރެއްވުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި އެމްޑީޕީ އަށް ގިނަ އަދަދެއްގެ ވޯޓު ގެއްލޭނެ ކަމަށެވެ.

2018 ވަނަ އަހަރު ކުރިއަށް ދިޔަ އިންތިހާބު ކާމިޔާބުވި ގޮތަށް އަލިއަޅުވާލައްވަމުން އިތުރަށް ވިދާޅުވީ، މިއަހަރުގެ އިންތިހާބަށް އެހެން ޕާޓީތަކުގެ ވިސްނުން ހުރީ ވަކި ވަކި ކެންޑިޑޭޓުން ނެރެގެން ވާދަކުރުމަށް ކަމަށް ވާއިރު އިއްތިހާދަކާ ނުލައި ރައީސް ސޯލިހަށް ކާމިޔާބީއާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވި އިރު، ރައީސް ސޯލިހުވެސް ވިދާޅުވެފައި ވަނީ ކޯމިޝަނެއް މުހިންމު ކަމަށާއި އެމަގަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނިމިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދު ބަލިވީ 9،000 އެއްހާ ވޯޓުގެ ތަފާތަކުންނެވެ. ބަލި ގަބޫލުކުރެއްވި ކަމަށް އިއުލާން ކުރެއްވި ނަމަވެސް ނަޝީދުގެ ވިސްނުންފުޅު ހުރީ ސޯލިހް އާ ވަކިން "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހައްދަވައިގެން ކުރިއަށް ވަޑައިގަތުމަށެވެ.