ޕާކިސްތާނާއި އަގްފާނިސްތާން ގުޅޭ އިމުގައި އޮންނަ ހައިބާރު ޕަހްތުންހުވާގެ ޕެޝާވަރުގައި ހުންނަ މިސްކިތަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 83 އަށް އަރައިފިއެވެ.

ހައި ސެކިއުރިޓީ ޒޯން ނުވަތަ ފުލުހުންގެ އިދާރާތަކެއް ހުންނަ އަދި ގިނަ އަދަދެއްގެ ފުލުހުން ހަމަކާތްތެރިވާ އެ ސަރަހައްދުގައި އެ ހަމަލާ ދިން ގޮތެއް ދެނެގަތުމަށް ތަހުގީގުތައް ފަށާފައި ވާ އިރު، އޮފިޝަލުން ބުނީ، ޖާނުންފިދާވެ މިސްކިތްތެރޭގައި ދިން އެހަމަލާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށެވެ.

ބޮން ގޮއްވާލުމާއެކު މުސްކިތުގެ ދެގައިކުޅަ އެއްބައި ފުނޑުފުނޑުވެގެން ވެއްޓުނެވެ. އެއާއެކު އެތައް ބަޔަކު ގާކުނޑިތަކުގެ ދަށުވެ ވަޅުލެވިފައި ވާ ކަމަށާއި އަދިވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

ހަމަލާ ދިން އިރު މިސްކިތުގައި ގާތްގަނޑަކަށް 150 އެއްހާ މީހުން ތިބި ކަމަށާއި އޭރު މިސްކިތް ސަހަރައްދުގައި 300-400 ފުލުހުން ހެލިފެލިވެ އުޅެމުން ދިޔަ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މިހަމަލާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި އެހެނިގެން ސިޔާސީ ލީޑަރުންގެ އިތުރުން އދ ގެ ސެކްރެޓަރީ ޖެނެރަލް ކުށްވެރި ކުރައްވާފައި ވާ އިރު ޕާކިސްތާންގެ ތޯލިބާނުން ވަނީ އެ ހަމަލާއާ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. އެ ޖަމާއަތުން އެހެން ބުނީ، ހަމަލާއަށް ފަހު އިއްޔެ އެ ޖަމާއަތުގެ ކޮމާންޑަރަކު އެ ހަމަލާގެ ވާހަކަ ދައްކާފައި ވުމުން އެކަން ނަފީ ކުރުމަށެވެ.

މިހާރުވެސް ޒަހަމްވެފައި ތިބި 100 އެތައް މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ދާ އިރު އޭގެ ތެރޭގައި ކްރިޓިކަލް (ނާޒުކު) ހާލަތުގައި ތިބި އެތައް ބަޔަކު ހިމެނޭ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުން ހަބަރު ދެއެވެ.

ޕޮލިސް ހެޑްކްއާޓަރުތަކާއި އިންޓެލިޖަންސް އިދާރާތަކާއި ކައުންޓާ ޓެރަރިޒަމްގެ ގެ އޮފީސްތައްވެސް ހުންނަ، ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އޮންނަ ޕެޝާވަރުގެ އެ ސަރަހައްދުގައި ހަމަލާއެއް ރާވާ ދިނުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އަދި މިއީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޕާކިސްތާންގެ ސަރުކާރު ނުކުޅެދިފައިވާ މިންވަރު ހާމަވާ، ޕާކިސްތާނުގެ ތާރީހުގައި ދިން އެންމެ ގެއްލުން ބޮޑު އެއް ހަމަލާ ކަމަށް ބުނެއެވެ.

ޕެޝާވަރުގައި މި ހަމަލާ ދިން އިރު، ވަކިވެގަތުމަށް މަސައްކަތް ކުރާ ޕާކިސްތާންގެ ތޯލިބާނުން ސަރުކާރާ އެކު ހަދާފައިވާ ސުލްހައިގެ އެއްބަސްވުން މިދިޔަ ނޮވެމްބަރު މަހު އުވާލުމަށް ފަހު ހުސްވި ޑިސެމްބަރުގައި މިފަދަ ހަމަލާއެއް ޕެޝާވަރުގައި ދީފައި ވެއެވެ. އެފަހަރު އެ ހަމަލާ ދީ ޕެޝާނަރުގެ ހުޅަނގު އުތުުރުގައި ހުންނަ ފުލުހުންގެ މަރުކަޒެއް އެމީހުން ހިފިއެވެ. ނަމަވެސް އަސްކަރިންޔާ އިން ދިން ހަމަލާތަކުގައި 33 މީހަކު މަރާލައި އެ ސްޓޭޝަން އަނބުރާ ހޯދިއެވެ.

އަދި މިދިޔަ އަހަރުގެ މާޗް މަހުވެސް ޕެޝާވަރުގެ ޝީއީން އަރާ މިސްކިތަކަށް ބޮމެނުގެ ހަމަލާއެއް ދީ އެތައްބަޔަކު މަރާލާފައި ވެއެވެ. ޕާކިސްތާނަކީ ސުންނީ މުސްލިމުންގެ މޮޖޯރިޓީ އޮންނަ ގައުމެކެވެ.