ބީއެމްއެލްއިން 2022 ގެ ހަތަރުވަނަ ކުއާޓާގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ހަތަރުވަނަ ކުއާޓާގެ ނަތީޖާތައް ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 489 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.48 ބިލިއަށް ރުފިޔާ ލިބިފައެވެ.
ބީއެމްއެލްއިން ބުނީ އެ ނަތީޖާ ހާސިލް ކުރެވިފައި ވަނީ ހުރިހާ ދާއިރާއަކުންވެސް ލިބިފައިވާ ކުރިއެރުން ދެމެހެއްޓިގެން ކަމަށާއި މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.
2022 ވަނަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެފައިވާކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވާ ކަމަށާއި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިވާ ކަމަށެވެ.
އެ ނަތީޖާއާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ހާސިލްކުރެވިފައިވާ ހަރުދަނާ ނަތީޖާއަށްފަހު ކުރިއަށް އޮތް އަހަރު ބީއެމްއެލްގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ނުހަނު އިސްކަމެއްދީގެން މަސައްކަތްކުރަމުންދާނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 35 ބްރާންޗުގެ އިތުރުން 84 ސެލްފްސާވިސް ބޭންކިން ސެންޓަރަކާއި 142 އޭޓީއެމަކާއި 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލްއިން އަންނަނީ ދެމުންނެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވަނީ ބުނެފައެވެ.