ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ ގިނަ ބަޔަކު ނަމާދަށް އަރާ އުޅޭ މިސްކިތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެ އެއްތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އެ ޝަހަރުގެ ލޭޑީ ރީޑިން ހޮސްޕިޓަލުގެ ތަރުޖަމާނަކު ބުނީ، މިހާތަނަށް 17 މީހަކު މަރުވެފައި ވާ އިރު ގިނައީ ފުލުހުން ކަމަށެވެ.

ފުލުސް އޮފިސަރެއް ކަމަށް ވާ، ސިކަންދަރު ހާނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ބޮން ގޮއްވާލި ވަގުތަކީ ގިނަ ބަޔަކު ނަމާދަށް އެރި ވަގުތެއް ކަމަށާއި ބޮން ގޮއްވާލުމާއެކު މިސްކިތުގެ ދެބައިކުޅަ އެއްބައި ފުނޑުފުނޑުވެގެން ވެއްޓުނު ކަމަށެވެ. އަދި މިހާތަނަށް ފެނުނު ހަށިތަކުގެ އިތުރުން އިތުރު ބަޔަކު، ގާކުނޑިތަކުގެ ދަށުވެފައި ވެދާނެ ކަމަށްވެސް ބުނެއެވެ.

ހަބަރުތައް ބުނާ ގޮތުން ބޮން ގޮއްވާލީ، ހަށިގަނޑުގައި ބޮން ހަރުކޮށްގެން ނަމާދަށް އަރާ ކުރީ ސަފުގައި އިން މީހެކެވެ. އެހާދިސާގައި އޭނާވެސް މަރުވެފައި ވާ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

އޭޕީ ނޫހުން ބުނެފައި ވާ ގޮތުގައި، ބޮން ގޮއްވާލުމާއެކު މީހުންތައް ދިޔައީ ބުރަބުރައިގެންނެވެ. އަދި މީހުންގެ ރުއިމުގެ އަޑުތަކާއި ކޮޅުކޮޅު މައްޗަށް މީހުން ދުވާތަން ފެނުނު ކަމަށް މިސްކިތުގައި އެވަގުތު އިން މީހަކާ ހަވާލާދީ ބުނެއެވެ. އަދި އެވަގުތު މިސްކިތުގައި 150 އެއްހާ މީހުން ތިބި ކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ހާދިސާ ކުށްވެރި ކުރައްވައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވީ، ފުލުހުންގެ ސަފުތަކުގެ ކުރީގައި ޖާނުން ފިދާވެގެން ދިން އެ ޓެރަރިސްޓް ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެފަދަ ކޮންމެ ހާދިސާއަކުން އެނގެނީ ގައުމުގެ އިންޓެލިޖަންސް ވަރުގަދަ ކޮށް އެފަދަ ހާދިސާތަކާ ފުރިހަމައަށް ކުރިމަތިލެވޭ ވަރަށް ފުލުހުންގެ ސަފުތައް ތައްޔާރު ކުރަން ޖެހޭކަމެވެ.

އަފްގާނިސްތާނާ އިންވެގެން އޮންނަ ހައިބާރު ޕަހުތުންހުވާގައި ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

ޕާކިސްތާނު ސަރުކާރުން ޓެރަރިސްޓުން ބަލިކޮށް، ޓެރަރިސްޓް ހަމަލާތައް އުފައްދާ ސެލްތައް ނުވަތަ ޖަމާއަތްތައް ނައްތާލަން ދާދިފަހުން ފަށާފައިވާ ހާއްސަ އޮޕަރެޝަނާ ގުޅިގެން ހަތިޔާރުއެޅި ބައެއް ޖަމާއަތްތަކުން ވަނީ، ޕާކިސްތާން ސަރުކާރަށް އިންޒާރު ދީފައެވެ.

ހަތިޔާރު އެޅި ތާރީކޭ ތޯލިބާން ޕާކިސްތާން އާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ޕާކިސްތާން ސަރުކާރުގެ އެ ނިންމުމާއެކު އެ ޖަމާއަތުން ހަނގުރާމަ އިއުލާން ކޮށް ޕާކިސްތާނުގައި ވެރިކަން ކުރާ ކޯލިޝަން ޕާޓުނަރުންގެ އިސްވެރިންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވާ ކަމަށެވެ.

އެ ޖަމާއަތުން އަލްޖަޒީރާއަށް ފޮނުވި ވަޓްސްއެޕް ސްޓޭޓްމަންޓެއްގައި ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓުގައި ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރުދާރީގެ ނަން ފާހަގަ ކޮށްފައި ވާ ކަަމަށް ވެސް ބުންޏެވެ.

ޝަރީފް އަކީ ޕާކިސްތާން މުސްލިމް ލީގް ނަވާޒް ޕާޓީގެ ރައީސް އެވެ. ބުއްޓޫ ޒަރްދާރީ އަކީ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ފަރާތުން ހުންނަވާ ހާރިޖީ ވަޒީރެވެ. ވެރިކަން ކުރާ މައި 2 ޕާޓީގެ ނަން ފާހަގަ ކޮށް ތޯލިބާނުން ބުނެފައި ވަނީ ސަރުކާރުން އިއުލާން ކުރި ގޮތަށް، ގޮތް ދޫނުކޮށް ދެޕާޓީގެ ލީޑާޝިޕުން ތިބޭ ނަމަ، ފިޔަވަޅު އަޅާނެ ކަމަށާއި އެހެން ކަމުން ލީޑަރުންނާ ވީހާވެސް ދުރުގައި އުޅުމަށް އާންމުންނަށް ތޯލިބާނުން ވަނީ ގޮވާލާފައެވެ.

ތޯލިބާނުން ވަނީ ޕާކިސްތާންގެ ދީނީ ޕާޓީތަކަށްވެސް ނަސޭހަތެއް ދީފައެވެ. އެ ޖަމާއަތުން ބުނީ، ވެރިކަން ހިންގާ މައި ދެޕާޓީން ތޯލިބާނުންނާ ދެކޮޅަށް އަޅަން ރާވާ ފިޔަވަޅުތަކުގެ ބައިވެރިއަކަށް އެޕާޓީތައް ނުވުމަށެވެ.

ބޮޑުވަޒީރު ޝަރީފް އާއި ދާދިފަހުން އަސްކަރިއްޔާއަށް އިސްކުރި ޗީފް ޖެނެރަލް އާސިމް މުނީރު ހިމެނިވަޑައިގަންނަވާ ސެއިރުރިޓީ ކޮމިޓީން ބުނެފައި ވަނީ ފާއިތު ވި އަހަރުގެ ތެރޭގައި ތޯލިބާން ޖަމާއަތުން ޕާކިސްތާނުގެ އެތަން މިތާނގައި 150 ހަމަލާއެއް ދިން ކަމަށާއި އެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައި ވާ ކަމަށެވެ.

މުސްކުޅި ގަބޫލު ކުރުންތަކުގެ މައްޗަށް އޮންނަ ޕާކިސްތާންގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށް ވާ ހައިބާރު ޕަހުތުންހުވާ، މައިސަރުކާރާ ވަކި ކުރަން މަސައްކަތް ކުރާ އެ ޖަމާއަތުން މީގެ ކުރިން ޕާކިސްތާން ސަރުކާރާއި ކާބުލްގައި ތިބޭ ތޯލިބާނުން ހިމެނޭހެން 3 ބައި މީހުންގެ މެދުގައި އަހުދުނާމާއެއް ހެދިއެވެ. ނަމަވެސް ނިމިދިޔަ ނޮވެމްބަރު މަހު ވަނީ އެ އަހުދު ނާމާއިން ތޯލިބާނުން ވަކިވެ، ހަމަލާތައް ދިނުމަށް އެޖަމާއަތުގެ މެންބަރުންނަށް އަންގާފައި ކަމަށް އަލްޖަޒީރާގައި ރިޕޯޓު ކުރެއެވެ.

މީގެ އިތުރުން، ޕާކިސްތާންގެ މިހާރުގެ ސަރުކާރުން އެ ޖަމާއަތާ ދެކޮޅަށް ހަނަގުރާމަ އިއުލާން ކޮށް މަސައްކަތް ކުރަނީ އެމެރިކާ ހިތްހަމަޖެއްސުމަށް ކަމަށްވެސް ތޯލިބާނުން ތުހުމަތު ކުރާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.