ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރި ޑައަލިސިސް ސެންޓަރުގެ މަސައްކަތްތައް ނިންމާލައި އަންނަ މަހުން ފެށިގެން އެ ތަނުން ހިދުމަތް ދޭން ފަށަން ތައްޔާރު ވެއްޖެއެވެ.

ފެން ކުންފުނި އެމްޑަބްލިއުއެސްސީން ޅ. އަތޮޅު ހޮސްޕިޓަލުގައި ހެދި ޑައަލިސިސް ސެންޓަރުގައި ބަލި މީހުންނަށް ހާއްސަ ދެ އެނދާއި އައިސޮލޭޝަން ރޫމެއް ހިމެނޭއިރު، އެ ތަން ހަދާފައި ވަނީ ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތައް ވެސް ގާއިމްކުރެވޭނެ ފަދަ ގޮތަކަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އަންނަ މަހުން ފެށިގެން ޑައަލިސިސް ސެންޓަރުން އާންމުންނަށް ހިދުމަތް ދެވެން ފަށާނެ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ތަނުގެ ސަބަބުން:

  • މާލެ އަށް ނުގޮސް، ފަސޭހަކަމާ އެކު ކިޑްނީ ބައްޔަށް ފަރުވާ ހޯދޭނެ
  • ފަރުވާ ހޯދުމަށް ކުރަން ޖެހޭ ހަރަދުތައް ކުޑަވެ، އާންމުންނަށް ލުއި ލިބިގެން ދާނެ

މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދާފައިވާ ތަނެއް ކަމަށާއި، ޑައަލިސިސް ސެންޓަރު ހެދުމަށް އަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޑައަލިސިސް ސެންޓަރު ހަދަން ހަރަދުވި ކަމަށް، އެމްޑަބްލިއުއެސްސީން ބުންޏެވެ.