ނިމިިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރިމަރީން ބަލިވެވަޑައިގަން ރައީސް ނަޝީދު "ފިކުރެއްގެ ދިރުން" ފެކްޝަނެއްގެ ވާހަކަ އަށް އިޝާރާތް ކުރެއްވުމުން، އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮމިނިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށެވެ.

އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ބަލިގަބޫލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ހުރިހާ ރަށެއްގައި ގޮފިތައް ހަދައި، އެމްޑީޕީގެ ދަފްތަރުން ވަކިކުރި 39 ހާސް މެންބަރުން ޕާޓީ އާ ގުޅި، އެ މެންބަރުން ހިމެނޭހެން ގޮތް ނިންމުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ފަހުން ކަނޑައަޅާނެ ކަަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި މެސެޖަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށެވެ. އަދި ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކު ކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، ރައީސް ސޯލިހްއަށް ތާއިދު ނުކުރާ ވަކި ފިކިރެއް ޕާޓީ ތެރޭގައި ނުހިންގޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ފައްޔާޒް ވަނީ އަދި އެއްފަހަރު އެކަމާ މެދު ވިސްނަވާލެއްވުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި 9،000 އެއްހާ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް ސޯލިހް ވަނީ ގުޅިގެން މަސައްކަތް ކުރެއްމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވާފައެވެ.