ދިވެހިރާއްޖެއަށް ވައިގެ މަގުން އަންނަ ބޭރު މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެނަމަ، އެ މީހަކު ރާއްޖެއިން ފޮނުވާލުމުގެ ބާރު ލިބިދޭ ގޮތަށް ގަވައިދެއް އެކުލަވާލައިފިއެވެ.

މިހާރު ގެޒެޓް ވެސް ކޮށްފައިވާ އިމިގްރޭޝަންގެ ގަވައިދުގައިވާ ގޮތުން، ވައިގެ މަގުން ރާއްޖެ އަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަން ޝައްކު ކުރެވޭ ނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.

އެގޮތަށް އަމަލު ކުރެވޭނެ ވަކި ހާލަތްތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ލަގެޖްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުން ހިމެނެއެވެ.

މި ގަވައިދުގައި އެގޮތަށް ކަނޑައަޅާފައި އޮތް ނަމަވެސް އެ މީހަކު ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ދެވިދާނެ ވަކި ހާލަތްތަކެއް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުމާއި އެ އެކަން ކުރަން ވާނީ އެ މީހަކު ރާއްޖެ އައި އެއާލައިނަކުން އޭނަ އަަށް އެނބުރި ގައުމަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހުގައި ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ނަމަވެސް ފުލުހުންގެ އޮޕަރޭޝަނަކަށް މަސްތުވާތަކެއްޗާއެކު ރާއްޖެ އެތެރެވާ މީހަކަށް މި ގަވައިދު ހުރަހެއް ނާޅާނެއެވެ.

މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ މީހުން ރާއްޖެއަށް އަންނަ ހިސާބުން ފުރުވައިލުމަށް ގަވައިދެއް ހަދައިފައިވަނީ މި ފަހުން އެއާޕޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ބިދޭސީން އަތުން އަތުލައިގެންފައިވަނިކޮށެވެ.