ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި 43 މީހަކު އަރުވައިގެން ދިޔަ ބަހެއް ބްރިޖް މަތިން ވެއްޓި އޭގައި އަލިފާން ރޯވެ 41 މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވި މީހުން ވަނީ ކާކުކަން ދެނެ ނުގަނެވޭ ވަރަށް އަނދާފައި ކަމަށް އޮފިޝަލުން ބުނެއެވެ. ވެއްޓުނު ބަސް ދަތުރު ކުރީ ބަލޯޗިސްތާނުގެ ބެއްލާ އިން ކަރާޗީއަށް ދާން ކަމަށާއި ބަސް ވެއްޓުނީ ދަތުރު ކުރަމުން ދިޔަ މަގުގައި ހުރި ތަނބެއްގައި ޖެހިފައި ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އެ ހާދިސާގައި 3 މީހަކަށް ސީރިއަށް އަނިޔާތައް ލިބުނު އިރު އޭގެ ތެރެއިން އެކަކު ވަނީ ފަހުން މަރުވެފައެވެ.

އޮފިޝަލުން އިތުރަށް ބުނީ، މިހާދިސާގައި މަރުވި މީހުން ދެނެގަތުމަށްޓަކައި ޑީއެންއޭ ޓެސްޓް ހަދަން ވަނީ ނިންމާފައެވެ.

ޕާކިސްތާނުގައި އެދުވަހު ހިނގި ދެވަނަ ހާދިސާގައި ދެން މަރުވެފައި ވަނީ 10 ކުޑަކުދިންނެވެ. އުމުރުން 7 އަހަރާއި 14 އަހަރަށް ދާ އުމުރުފުރައިގެ މި ކުދިން މަރުވީ، އަފްގާނިސްތާނާ އިންވެގެން އޮންނަ ހައިބާރު ޕަހްތުންހުވާގެ ކޯހަޓު ކައިރީގައި އޮންނަ ޓަންޑާ ޑޭމް (ކޯރު) އެއްގައި އެކުދިން ދަތުރު ކުރަމުން ދިޔަ ދޯނި ބަންޑުންޖަހާލުމުގެ ސަބަބުންނެވެ.

އޮފިޝަލުން ހަބަރު ދޭ ގޮތުގައި، މިހާދިސާގައި މަރުވި 10 ކުދިންގެ އިތުރުން 11 ކުއްޖަކު ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން 6 ކުއްޖެއްހެ ހާލު ސީރިއަސް ކަމަށާއި އެ ހާދިސާގައި ގެއްލި އަދި ނުފެންނަ 9 ކުއްޖަކު ވެސް ވެއެވެ.

މިހާރު އެ ކުދިން ހޯދުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން ދާ ކަމަށް ވެސް ބުނެއެވެ.

އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، މި ދޯނިން ދަތުރު ކުރީ އެ ސަރަހައްދުގައި އިސްލާމީ ތައުލީމް ދޭ ސްކޫލެއްގެ ދަރިވަރުންތަކެއް ކަމަށާއި އެ ކުދިން ދިޔައީ ޑޭ ޓްރިޕް (އެއް ދުވަހުގެ ކުރު ދަތުރަކަށް) ކަމަށެވެ.

އެ ސަރަހައްދުގެ ޑެޕިއުޓީ ކޮމިޝަނަރާ ހަވާލާދީ ރޮއިޓާސް އިން ބުނާ ގޮތުގައި، އެ ކޯރަކީ، އެފަދަ ހާދިސާތައް ހިނގާތީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުން ފުލުހުން މަނާކޮށްފައި އޮންނަ ކޯރެކެވެ.