އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު ތަފާތުން އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ހެނދުނު 9 ޖަހާއިރު ފެށި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހަވީރު 5 ޖެހުމާ ހަމައަށް ކުރިއަށް ގެންގޮސްފައި ވާއިރު އެ އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ދެެން ވާދަކުރެއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.
ވޯޓުލުން މާލެއާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައި ވާއިރު މި އިންތިހާބުގައި 57،255 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި މާލެއާއި އަތޮޅުތައް ހިމެނޭހެން 214 މަރުކަޒެއްގައި 282 ވޯޓުފޮށި ބަހެއްޓިއެވެ. އެގޮތުން މާލޭގަައި 19 މަރުކަޒެއްގައި 87 ވޯޓު ފޮއްޓެއް ބެހެއްޓިއިރުއިރު އަތޮޅު ތެރޭގައި 195 މަރުކަޒެއްގައި 195 ވޯޓު ފޮއްޓެއް ބެހެއްޓިއެވެ.
މިހާތަނަށް އިއުލާންކުރި ގިނަ ވޯޓު ފޮށިތަކުން 64 ޕަސެންޓުން ކުރީގައި ރައީސް ސޯލިހް އޮތް އިރު ރައީސް ނަޝީދަށް ލިބިވަޑައި ގެންނެވީ 36 ޕަސެންޓެވެ. އަދި ޖުމްލަ ގޮތެއްގައި އަތޮޅުތަކަށް ބަލާއިރު ކޮންމެ އަތޮޅަކުންވެސް ރައީސް ސޯލިހު ވަނީ ކުރި ހޯއްދަވާފައެވެ.
ވޯޓު ގުނަމުން ގޮސް އިރުކޮޅެއް ނުވެ ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވިކަން އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ އިއުލާން ކޮށްފައެވެ. 64.7 ނަޝީދަށް ލިބިފައިވާ ކަމަށް އެގްޒިޓް ޕޯލް ތަކުން ދައްކާ ކަމަށް އިއުލާން ކުރި އިރު ސޯލިހުގެ ޓީމުން ބުނީ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް ސޯލިހު 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބު ކުރައްވައިފި ކަމަށެވެ. ނަމަވެސް މިހާތަނަށް ގުނާ ސާފުވި ނަތީޖާ އަށް ބަލާއިރު ރައީސް ސޯލިހަށް ވަނީ 64 ޕަސެންޓް ޔަގީން ވެފައެވެ. ބާކީ ނުގުނާ ހުރި މަދު ފޮށިން ނަތީޖާއަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.
މިއަދު އޮތް އިންތިހާބުގައި ގދ. ތިނަދޫ އާއި އެ އަތޮޅު ރަތަފަންދޫ ވޯޓު ފޮށި ފަޅާލި މައްސަލާގައި ރައީސް ނަޝީދުގެ 3 މަންދޫބަކު ހައްޔަރު ކޮށްފައި ވާއިރު ގދ. ގައްދޫއާއި ތ. މަޑިފުށީގެ ވޯޓު ފޮށި ވެސް ވަނީ ފަޅާލާފައެވެ. އެހެންނަމަވެސް މަޑިފުށީގައި ފަހުން ވޯޓުލާން ފެށީ ދަގަނޑު ފޮއްޓަކަށެވެ.
ވޯޓު ފޮއްޓަށް ގެއްލުން ދިން މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއް އެމްޑީޕީއިން ދީފައި ވާއިރު ރައީސް ނަޝީދު ވަނީ ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
ސާފު ވޯޓަކުން މޮޅުވާނެ ކަމަށާއި ވާދަވެރިން ވޯޓް ފޮށިތައް ގަޑުބަޑުކޮށް މަސްލަހަތު ނަގާލަން ހިންގާ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ވަނީ ރައީސް ސޯލިހެ ބައިވެރިންނަށޤ ގޮވާލާފައެވެ.