މިއަދު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ އެންމެހާ ހަމަތަކާއު އުސޫލުތައް ނަގަހައްޓާ ބޭއްވޭ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިރުޝާދު ދެއްވައިފިއެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ރޭ ނެރުނު ބަޔާނުގައި މިހެން ބުނީ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ރައީސް ސޯލިހް ޕްރައިމަރީ ގަޑުބަޑު ކުރަން އުޅޭ ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.

މި ބަޔާނުގައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން އެއްވެސް އަސާސެއްނެތި މިފަދަ ތުހުމަތާއު އިލްޒާމް އެޅުވުމަކީ ހިތާމަކުރާ ކަމެއްކަން ފާހަގަކޮށް، ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ޑިމޮކްރެޓިކް ދެފުށް ފެންނަ އިންތިހާބީ އުސޫލްތައް ރާއްޖެ އަށް ތައާރަފު ކުރި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ގަނޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫން ކަން ރައީސް ނަޝީދުގެ ކެމްޕެއިން ޓީމަށް އެނގޭނެކަަމަށް ބުނެފައިވެއެ.

އެމްޑީޕީ ޕްރައިމަރީއަށް ފަހު ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޒާތީ ތައައްސުބާއި އެކަށީގެން ނުވާ ބަހުރުވައާއި ޒުވާބާއި ޖަދަލުގެ ތެރެއަށް ނުވެއްޓި ކެމްޕެއިންގައި ދެމި ތިބުމަށް ރައީސް ވަނީ މެމްބަރުންނަށް ބާރުއަޅުއްވާފައެވެ.

މި ބަޔާނުގައި އެފަދަ ރޭވުންތަކުން އެއްކިބާވެ މިއަދުގެ ރިޔާސީ ޕްރައިމަރީއަކީ ޑިމޮކްރެޓިކް ރޫހުގައި އެއް އަމާޒަކަށް މަސައްކަތްކޮށް، އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ބަދަހި އަދި އެންމެ ވަރުގަދަ ޕާޓީކަން ރާއްޖެ އަށާއި ދުނިޔެ އަށް ވެސް ދައްކާ ފުރުސަތަކަށް ހެދުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.

އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރިމަރީގެ ވޯޓުލުން މިއަދު 9 ޖެހި އިރު ފެށިއްޖެއެވެ. މި ޕްރިމަރީގައި ވާދަ ކުރައްވަނީ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.