މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާ ގެ އެންމެ މަގްބޫލް ވާހަކަ ފޮތް "އިޓް އެންޑްސް ވިތް އަސް" އަށް ފިލްމެއް އުފައްދަން ނިންމައި ފިލްމުގެ ލީޑު ދެތަރިންގެ ނަން އިއުލާންކޮށްފިއެވެ.
ލިލީ ކެރެކްޓާ ގެ ރޯލު ބްލޭކް ލައިވްލީ ކުޅޭއިރު ރައިލް ގެ ރޯލު ކުޅެނީ ޖަސްޓިން ބަލްޑޯނީއެވެ. މި ފިލްމަކީ ބަލްޑޯނީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ ފިލްމެކެވެ. ފިލްމުގެ ދެ މެއިން ކެރެކްޓަރު އިއުލާން ކުރަމުން ކޮލީން ބުނީ ބްލޭކް އާއި ބަލްޑޯނީ އަކީ އެ ރޯލު ކުޅެން އެންމެ އެކަށީގެންވާ ދެމީހުން ކަމަށާއި ދެމީހުންގެ ހުނަރަށް ޝައްކެތް ނުކުރާ ކަމަށެވެ.
ސޮނީ ޕިކްޗާޒް އިން ގެނެސްދޭ މި ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާން ކޮށްފައި ނުވި ނަމަވެސް މި އަހަރު ތެރޭ ފިލްމުގެ ކާސްޓުން ފައިނަލްކޮށް ފިލްމުގެ ޝޫޓިން ފެށޭވަރު ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮލީން ގެ "އިޓް އެންޑްސް ވިތް އަސް" އަކީ އޭނާ ލިޔުނު ފޮތްތަކުގެ ތެރެއިން ވެސް އެންމެ މަގްބޫލު އެއް ފޮތެވެ. 20 މިލިއަނަށް ވުރެ ގިނަ ފޮތް ވިކުނު އިރު އެ ފޮތް ވެފައިވަނީ މިދިޔަ އަހަރު އެންމެ ވިކުނު ވާހަކައަށެވެ.
މި ވާހަކަ އަކީ އަސަރުން ފުރިގެންދާ ވާަހަކައެކެވެ. ކުޑަ އިރުންސުރެ ދިރިއުޅުމުގެ އެތައް ކަންތައްތަކަކާއި ކުރިމަތި ލަމުންދާ ލިލީގެ ކެރެކްޓާ ވަރަށް ފުންކޮށް މި ވާހަކައިގައި ކިޔާދީފައި ވެއެވެ. ޖިސްމާނީ ހާނިއްކަ އާއި ކައިވެނީގައި ދިމާވާ މައްސަލަތަކާއި ޓްރޯމާގެ ބައި ވާހަކައިން ވަރަށް ފުރިހަމަ އަށް ކިޔައިދީފައި ވެއެވެ. މި ވާހަކަ އިން ކިޔައިދެނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުޑަ އަވަށަކުން ބޮސްޓަން އަށް ބަދަލުވި ލިލީ ގެ ވާހަކަ އެވެ. ބޮސްޓަން އަށް ބަދަލުވުމާއެކު ލިލީ އަށް ރައިލް އާއި ދިމާވެއެވެ. އަދި ރައިލް އާއި ލިލީ ދިމާވެ ލޯބިވެ ގުޅޭ ހިސާބުން ލިލީ ގެ ކުރީގެ ލޯބިވެރިޔާ އެޓްލަސް އާދެއެވެ. އެޓްލަސް އައުމާއެކު ލިލީގެ ހަޔާތުގެ ބައިވެރިޔާ އަކަށް ހަދާނީ ކާކުކަން ހުދު ލިލީ އަށް ވެސް ނޭނގެއެވެ.